ނަޝީދު އެމްޑީޕީއަށް ސޮއި ކުރެއްވި ޖަލްސާގައި ރައީސް ސާލިހު ބައިވެރިވަޑައެއް ނުގަންނަވާ!

ނަޝީދު އެމްޑީޕީއަށް ސޮއި ކުރެއްވި ޖަލްސާގައި ރައީސް ސާލިހު ބައިވެރިވަޑައެއް ނުގަންނަވާ!

Author
ހުސައިން
23 ޖޫން 2025 10:31
0

އެމްޑީޕީގެ އެއް މުވައްސިސްކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއި ކުރެއްވި ޖަލްސާގައި، އެޕާޓީގެ މިހާރުގެ އެޑްވައިޒަރު ކުރީގެ ރައީސް ސާލިހު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ދެ އަހަރެއްގެ ވަކިވުމަށްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަަން ފައްޔާޒު އިސްމާއިލްއާއި އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީއާއި ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް މިރޭ ޖަލްސާއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ކުރީގެ ރައީސް ސާލިހު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާކަމެވެ. އަދި ރައީސް ސާލިހު މިރޭގެ ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވި ވަކި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސް ސާލިހު މިވަގުތު ހުންނެވީ އާލާސްކަންފުޅާ މެލޭޝިއާގައިކަމަށް ވަނީ އެނގިފައެވެ. ހަމަ އެއާއެކު ނަޝީދު އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި ޖަލްސާ ރައީސް ސާލިހަށް ރާއްޖެ ވަޑައިގެންނެވެންދެން އެޕާޓީން ޖަލްސާ ފަސް ނުކުރި ވަކި ސަބަބެއްވެސް ސާފުވެފައެއް ނުވެއެވެ.

މިރޭ ސަލްޓަން ޕާކުގައި ބޭއްވުނު އެމްޑީޕީގެ ހާއްސަ ޖަލްސާގައި ނަޝީދު ޕާޓީ މެންބަރޝިޕް ފޯމުގައި ސޮއިކުރެއްވިއިރު، ނަޝީދު އެމްޑީޕީން ވަކިވީ ރައީސް ސާލިހާ ޖެހުނު މައްސަލައެއްގައި ޖޫން 21، 2023 ގައެވެ.

2023 ގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވާދަކޮށް ބަލިވުމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ނަތީޖާއެއްގެ ގޮތުން ނަޝީދު ވަނީ އެ ޕާޓީން ވަކިވެ، ޖުލައި 13، 2023 ގައި އަމިއްލަ ޕާޓީއެއް ކަމުގައިވާ ދަ ޑިމޮކްރެޓްސް އުފައްދަވާފަ އެވެ.

މިހާރު ގާނާގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު، ޖޫން 17 ގައި ރާއްޖެ ވަޑައިގެން ބޭއްވި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއްގައި ވަނީ އެމްޑީޕީއާ އަލުން ގުޅުމަށް ނިންމަވާފަ އެވެ. އަދި ޖެހިގެން އައި ދުވަހުގެ ރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ޕާޓީގެ އިސްވެރިން ވަނީ ނަޝީދާއި ޑިމޮކްރެޓުންނަށް ހޫނު މަރުހަބާއެއް ކިއުމަށް އެއްބަސްވެފަ އެވެ.

ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އާއި ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި އެހެން މެންބަރުންތަކެއް ވެސް މިރޭގެ ޖަލްސާގައި އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ. މި ބަދަލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީ ތެރޭގައި ވާދަވެރިކަން އިތުރުވަމުންދާ ވަގުތެއްގައި ދިމާވެފައިވާ އައި ބޮޑު ބަދަލެކެވެ.

ނަޝީދަކީ 2003 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ސަރުކާރަށް ޕެޓިޝަން ހުށަހެޅި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކުކަމާއި، އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް ކަމާއި، އެމްޑީޕީގެ ޓިކެޓުގައި 2008 ގައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެންނެވި ބޭފުޅާ ކަން ފާހަގަ ކޮށްލެވެއެވެ. އަދި 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ތާރީހުގައި މުހިންމު ބަދަލެއް އައިސް، 2028 ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ތައްޔާރުވުން ވަރުގަދަ ކުރުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް ސިޔާސީ މުހައްލިލުން ދެކެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.