އީރާނުން އިޒުރޭލުގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ދިން ހަމަލާތަކުގައި، އިޒުރޭލުގެ މުހިންމު ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ އިޒުރޭލުން ބާރުގެ ދަށުގައި އޮންނަ ސީރިޔާގެ ޖައުލާން ސަރަޙައްދާއި، އަލް-ޖަލީލް ސަރަޙައްދުގެ އިތުރުން، އުތުރާއި މެދުތެރޭގެ ކަނޑުކައިރި ސަރަޙައްދުތަކަށެވެ.
މި ހަމަލާތަކުގެ ސަބަބުން އިޒުރޭލުގެ ވެރިރަށް ޓެލް އަވީވް އާއި، ސިނާއީ މަރުކަޒު ހައިފާއަށް ކުރިން ނުދެކޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ޚަބަރުތައް ފެތުރެމުންދެއެވެ. އިޒުރޭލަށް ތާއީދުކުރާ ފަރާތްތަކުން މި ހަމަލާތަކުގެ އަސަރުތަކާ މެދު ތަފްސީލު މަޢުލޫމާތު ހާމަކުރުމުން ދުރުހެލިވަމުން ދާއިރު، ރަސްމީ ރިޕޯޓުތަކުގައި ބުނެފައިވަނީ 16 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އިރާނުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދާ ގުޅޭގޮތުން އިޒުރޭލުގެ ރަސްމީ ބަޔާނުތަކުގައި ބުނެފައިވަނީ 24 މީހުން މަރުވެފައިވާ ކަމަށް ވީނަމަވެސް، ހަނގުރާމައިގެ ތަޙުލީލުތައް ކުރާ މުސްތަޤިއްލު ފަރާތްތަކުން ލަފާކުރާ ގޮތުގައި ޙަޤީޤަތުގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ އިތުރުވާނެއެވެ. އިޒުރޭލުގެ ރައްޔިތުން މި ހަމަލާ ސިފަ ކޮށްފައިވަނީ އީރާނާއި އިޒުރޭލާ ދެމެދު ހިނގަމުންދާ ނުތަނަވަސްކަމުގެ ތެރޭގައި އީރާނުން ދިން އެންމެ ބާރުގަދަ އަދި ނުރައްކާތެރި ހަމަލާގެ ގޮތުގައެވެ.
މި ހަމަލާތަކުން ދައްކާ ގޮތުގައި މި ސަރަޙައްދީ ކުރިމަތިލުމުގައި އީރާނުން އެޤައުމުގެ ސިފައިންގެ ޤާބިލިއްޔަތު އިތުރުކޮށް، އަލަށް ތަރައްޤީކުރެވިފައިވާ ހަތިޔާރުތައް ބޭނުންކޮށްގެން ކުރިއަށް ދިއުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާ ސަރަޙައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެކަމުގެ ބިރު އުފެދިފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢު މި ހާލަތު ކަންބޮޑުވުމާއެކު ބަލަމުން ގެންދެއެވެ.