އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލަށް ހުށަހެޅިދާނެ: ގުޓެރެސް

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލަށް ހުށަހެޅިދާނެ: ގުޓެރެސް

Author
ހުސައިން
22 ޖޫން 2025 09:33
0

އެމެރިކާއިން އީރާނުގެ މުހިންމު ނިއުކްލިއަރ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިންޒާރު ދެއްވައިފިއެވެ.

ރޭ އެމެރިކާއިން ހަމަލާދިން ތަންތަނުގެ ތެރޭގައި އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒުތައް ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗުގައި ނުރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ގުޓެރެސް ފާހަގަކުރެއްވިއެވެ.

"މި ހަނގުރާމަ ކޮންޓްރޯލުން ބޭރުވެގެން ދިއުމުގެ ނުރައްކާ އިތުރުވަމުންދޭ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި، މި ސަރަޙައްދަށާއި، މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ،" އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ނުރައްކާތެރި ވަގުތުގައި ހަލަބޮލިކަމުގެ ތެރެއަށް ނުދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ގުޓެރެސް ވިދާޅުވީ، ދިމާވެފައިވާ މައްސަލައަށް ހައްލު ލިބޭނީ ހަނގުރާމައިން ނޫން ކަމުގައެވެ. "ކުރިއަށް ދެވޭނެ ހަމައެކަނި މަގަކީ ޑިޕްލޮމަސީ. ހަމައެކަނި އުންމީދަކީ ސުލްޙަ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެމެރިކާގެ ކިބައިން ބަދަލު ހިފައިފިނަމަ، ރޭ ފެނުނު ހަމަލާތަކަށްވުރެ މާ ބޮޑު ބާރުގަދަ ހަމަލާތަކަކުން އެކަމަށް ޖަވާބު ދެއްވާނެ ކަމަށް ޓްރޫތް ސޯޝަލްގައި ވިދާޅުވެފައެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް ވިދާޅުވީ، ހަނގުރާމައިގެ ނުރައްކާ ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ޓްރަމްޕް މި ހަމަލާތަކަށް ކޮންގްރެސްގެ ހުއްދަ ހޯއްދަވާފައި ނުވާ ކަމަށާއި، އެކަމުގެ ސަބަބުން ކުރިމަތިވާ އެއްވެސް ނޭދެވޭ ނަތީޖާއެއްގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޑޮނަލްޑް ޓްރަމްޕް ވަޢުދުވެވަޑައިގަތީ މެދުއިރުމައްޗަށް ސުލްހަ ގެނެސްދެއްވާނެ ކަމަށް. އެ ވަޢުދު ފުއްދަވާފައެއް ނުވޭ. މިހާރު ހަނގުރާމައިގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ. އަޅުގަނޑު ދުޢާކުރަނީ އެ ސަރަޙައްދުގައި ތިބި އަޅުގަނޑުމެންގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި،" ޖެފްރީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.