އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ދައުލަތުން ކުރާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުން މިއަދު މެންދުރު 1:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި މައްސަލައިގެ ޝަރީއަތް މިހާތަނަށް ކުރިއަށްދާއިރު، ބައްސާމް އެފްއޭއެމްގެ ރައީސްކަމުގައި ހުރެގެން މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ނަގަމުންދިޔަކަންވެސް ވަނީ ހާމަވެފަވެއެވެ. މި މައުލޫމާތު ހާމަވީ އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް ކޯޓުގައި ދިން ހެކިބަހުންނެވެ. އެފްއޭއެމްގެ ފައިސާ ހިޔާނާތްތެރިވި މައްސަލައިގައި އަގީލްއާ ދެކޮޅަށްވެސް ދައުވާ އުފުލާފައިވެއެވެ.
ކޯޓުގައި ލިބުނު މައުލޫމާތުގެ ދަށުން ބައްސާމް ފުރަތަމަ ނަގަމުންދިޔައީ މަހަކު 3000 ޑޮލަރުގެ އެލަވަންސެއް ކަމަށާއި، ފަހުން މި އަދަދު 5000 ޑޮލަރަށް އިތުރުކުރެވުނު ކަމަށް އެނގެއެވެ. ބައްސާމްގެ ދިފާއީ ޓީމުން ބުނާގޮތުގައި މި އެލަވަންސްތައް ނަގާފައިވަނީ އެފްއޭއެމްގެ އެކްސްކޯ ފާސްކުރުމުންނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. މީގެ ތެރެއިން 1،910 ޑޮލަރު އިތުރު ފަރާތެއްގެ އެކައުންޓަށް ބަދަލުކުރުމަށްފަހު، ބައްސާމްއާއި އޭނާގެ އަނބިމީހާ އާމިނަތު މައުރީނާގެ ހިއްސާ އޮތް ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ ބޭނުންތަކަށް ޚަރަދުކޮށްފައިވާ ކަމަށް ތުހުމަތު ކުރެއެވެ.
އަދި 2023 ވަނަ އަހަރު ބައްސާމް މީޑިއާއަށް ދިން މައުލޫމާތުގައި ވިދާޅުވެފައިވަނީ އޭނާއަށް 50،000 ރުފިޔާގެ އެލަވަންސެއް ލިބެންޖެހޭ ކަމަށާއި، ނަމަވެސް އެ އެލަވަންސް ތިން އަހަރު ވަންދެން ނުލިބޭ ކަމަށެވެ. މިހާރު ޝަރީއަތުގައި ކުރިއަށްދަނީ 10،000 ޑޮލަރުގެ ހިޔާނާތުގެ މައްސަލައެކެވެ.
މި މައްސަލައިގައި އަގީލްގެ އިތުރުން އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރި އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކު ހެކިބަސް ދީފައިވެއެވެ. ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެއްޖެނަމަ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމް އައިސްދާނެއެވެ.
ފީފާގެ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާ ބައްސާމް، ކުރިއަށް އޮތް އެފްއޭއެމް އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބައެއް ރިޕޯޓުތަކުން ހާމަވެއެވެ.
ކޮމެންޓު ފޮނުވާ