އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަކީ މުޅި މެދުއިރުމަތީގެ އަމާންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ.
އިސްތަންބޫލުގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެރްދޮޣާން ވިދާޅުވީ، އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނިއުކްލިއަރ މަޝްވަރާތަކަށް ގަސްތުގައި ހުރަސްއެޅުމަށް ކުރި ކަމެއް ކަމަށެވެ. މިއީ ކުށެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އެރްދޮޣާން ވިދާޅުވި ގޮތުގައި، މިކަމުން ސާފުވަނީ ނަތަންޔާހޫގެ ސަރުކާރުގައި މައްސަލަތައް ޑިޕްލޮމެޓިކް މަގުން ހައްލުކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމެވެ. އަދި މުޅި ސަރަހައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލުން ފިޔަވައި އެހެން ވިސްނުމެއް ނަތަންޔާހޫގައި ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ މުޢާހަދާތަކާ ތައާރުޒުނުވާ ގޮތަށް އިސްރާއީލަށް ފިޔަވަޅު އެޅުމަށް މުސްލިމް ގައުމުތަކަށް އެރްދޮޣާން ގޮވާލެއްވިއެވެ.
އިސްރާއީލުން އީރާނަށް ވައިގެ މަގުން ހަމަލާތައް ދެމުންދާ އަދި އޭގެ އިތުރުން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދީ، ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން ޝަހީދުކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ