ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށް އަލްއުސްތާޛު އިބްރާހީމް ޝަމީލް ހޮވިފައިވާ ކަމަށް ބާ ކައުންސިލުން ހާމަކޮށްފިއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު (19 ޖޫން 2025) ބޭއްވުނު އިންތިޚާބުގެ ދެވަނަ ބުރުގައި ނައިބު ރައީސްކަމަށް ޝަމީލަށް 291 ވޯޓު ލިބިފައި ވެއެވެ. މި މަޤާމަށް ވާދަކުރެއްވި އަލްއުސްތާޛާ މަޢާޝާ ލުޠުފީއަށް 216 ވޯޓު ލިބުނެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ހޮވުނީ އަލްއުސްތާޛު ޢަބްދުالله ނާހިދާއި އަލްއުސްތާޛު އަޙްމަދު ޝާފިޢެވެ. ނާހިދަށް 294 ވޯޓު ލިބުނު އިރު ޝާފިޢަށް 284 ވޯޓު ލިބިފައި ވެއެވެ. މެންބަރުކަމަށް ވާދަކުރެއްވި ތިންވަނަ ކެންޑިޑޭޓު އަލްއުސްތާޛާ ސަމާޙަތު ޢަބްދުއްލަޠީފަށް 146 ވޯޓު ލިބުނެވެ.
"ފަހިވޯޓު" ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 1086 ޤާނޫނީ ވަކީލުންގެ ތެރެއިން ނައިބު ރައީސްގެ މަޤާމަށް 507 ވަކީލުން ވޯޓު ދެއްވިއެވެ. މެންބަރުކަމުގެ މަޤާމަށް ވޯޓު ދެއްވީ 483 ވަކީލުންނެވެ.
މި އިންތިޚާބު ބާއްވަން ޖެހުނީ މިހާރު އެގްޒެކެޓިވް ކޮމިޓީގައި ތިއްބެވި ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު ހަމަވާތީއެވެ. އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވިފައިވަނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހުއެވެ.
އަލަށް ހޮވުނު ނައިބު ރައީސާއި މެންބަރުން އެ މަޤާމުތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ބާ ކައުންސިލުން ވަނީ އުންމީދުކުރައްވާ ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ