ކޮމިޝަނަށް ދޮގު ބަޔާން ދިނުމާއި ގުޅިގެން ދާއޫދު ވަޒީފާއިން ވަކިކޮށްފި

ކޮމިޝަނަށް ދޮގު ބަޔާން ދިނުމާއި ގުޅިގެން ދާއޫދު ވަޒީފާއިން ވަކިކޮށްފި

Author
ހުސައިން
19 ޖޫން 2025 12:29
0

އޭޕްރީލް 18 ގައި މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ތަންފީޒުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަޙްމަދު ވަޒީފާއިން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ބުނީ، ދާއޫދު އަޙްމަދު ވަޒީފާއިން ވަކިކުރީ ތަޙުޤީޤަށް ދޮގު ބަޔާނެއް ދިންކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ކަމަށެވެ. މިއީ ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޅި ފިޔަވަޅެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭޕްރީލް 24 އިން ފެށިގެން ދާއޫދު އަޙްމަދު މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރެވިފައި ވެއެވެ. މީގެ އިތުރުން "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދިނުމަށް ހުށަހެޅުމުން، ހަމަ އެދުވަހު އެ ކޮމިޓީން ވެސް އޭނާ ވަކިކުރެވުނެވެ.

2025 އޭޕްރީލް 18 ގައި މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮތުމާ ގުޅިގެން އުފެއްދި ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ ރިޕޯޓް ޢާންމުކުރުމަށް ރައީސް ނިންމެވިއެވެ. ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައި ވެއެވެ.

އޭޕްރީލް 27 ގައި އުފެއްދި މި ކޮމިޝަނުގެ މަޤްޞަދަކީ، ހާދިސާގެ ޙަޤީޤަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަފާދިނުމެވެ. ކޮމިޝަން އުފެއްދިތާ 52 ދުވަހުގެ ތެރޭގައި މަސައްކަތް ނިމި ރިޕޯޓް ހުށަހެޅިފައިވާއިރު، މިފަދަ ކޮމިޝަނެއްގެ މަސައްކަތް މިހާ ކުރު މުއްދަތެއްގައި ނިންމި ފުރަތަމަ ފަހަރު ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.