ނަޝީދު އެމްޑީޕީއާއި އަލުން ގުޅުން: އެމްޑީޕީގެ ޕީޖީން ބުނަނީ މަރުހަބާ ކިޔާނީ ޕާޓީއަށް ގެއްލުން ދީފައި ނުވާފަރާތްތަކަށް ކަމަށް

ނަޝީދު އެމްޑީޕީއާއި އަލުން ގުޅުން: އެމްޑީޕީގެ ޕީޖީން ބުނަނީ މަރުހަބާ ކިޔާނީ ޕާޓީއަށް ގެއްލުން ދީފައި ނުވާފަރާތްތަކަށް ކަމަށް

Author
ހުސައިން
18 ޖޫން 2025 02:59
0

އެމްޑީޕީއަށް ގެއްލުންވާ ކަންކަން ނުކޮށް، ޕާޓީގެ އުސޫލުތަކާ ޚިލާފުނުވާ ފަރާތްތަކަށް އަލުން އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޕީޖީން މިކަން ހާމަކުރެއްވީ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ޕާޓީގެ އުސޫލުތަކާއި އަސާސްތަކާ ޚިލާފުނުވެ، ޕާޓީއަށް ގެއްލުން ނުދޭ ކޮންމެ މީހަކަށް ވެސް އެމްޑީޕީއާ ގުޅެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ޕާޓީން މަރުހަބާ ކިޔާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅޭގޮތުން ޕާލިމެންޓްރީ ގްރޫޕުގައި ވަކި މަޝްވަރާއެއް އަދި ނުކުރާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމީ އިއްޔެ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމުގައެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ސަރުކާރުގެ ނިޔަލަށް އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެމެދުގައި ގުޅުން ރަނގަޅެއް ނޫނެވެ. ނަޝީދު ވަނީ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކޮރަޕްޝަންގެ ތުހުމަތުތައްވެސް އޭރުގެ ސަރުކާރަށް ކުރައްވާފައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގެން ނާކާމިޔާބުވުމުން، ނަޝީދު ސަޕޯޓަރުންނާއެކު ޑިމޮކްރެޓްސް ޕާޓީ އުފެއްދިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްފަހު، ނަޝީދު ވަނީ ޑިމޮކްރެޓްސްއާއި އެމްޑީޕީ އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ސިޔާސީ ކަންކަމުން ދުރުގައި ހުންނެވި ނަޝީދު، މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމަށްފަހު، އިއްޔެ ޑިމޮކްރެޓްސްއިން ނިންމީ އެމްޑީޕީއާ އަލުން ގުޅުމަށެވެ. އަދި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.