ޔުމްނުގެ މައްސަލައިގައި ދާއޫދު ޒިލާލް ކޮމިޝަނަށް ދޮގު ބަޔާން ދިންކަމަށް ތުހުމަތު

ޔުމްނުގެ މައްސަލައިގައި ދާއޫދު ޒިލާލް ކޮމިޝަނަށް ދޮގު ބަޔާން ދިންކަމަށް ތުހުމަތު

Author
ހުސައިން
18 ޖޫން 2025 12:31
0

މާލޭ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ބެލުމަށް އުފެއްދި ހާއްސަ ކޮމިޝަނުން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހްމަދު ޒިލާލް އެ ކޮމިޝަނަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ބުނެފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅޭގޮތިން ހިންގި ތަހުގީގަށްފަހު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި މިއަދު ބުނެފައިވަނީ، ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި، ޔުމްނު ވެއްޓުނު ރޭ ސަރުކާރުގެ ސީނިއަރ އެއްވެސް މީހަކަށް، ފުލުހަކަށް ނުވަތަ ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ބުނި ނަމަވެސް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނުގެ ބަޔާނުން އެނގެނީ އެ ދުވަހު މެންދުރުފަހު ދާއޫދު އޭނާއަށް ގުޅައި މެސެޖު ކުރިކަމެވެ.

ފެންޓެނޯއީއިން ޔުމްނު ވެއްޓުނު ރޭ އޭނާއާ އެންމެ ފަހުން އެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ އެއްބަނޑުއެއްބަފާ ބޭބެ ކަމުގައިވާ ދާއޫދު، ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވަނީ އެޕްރީލު 18 ވީ ހުކުރު ދުވަހުގެ ފަތިހު 5:30 އާއި 6:30 އާ ދެމެދު ރައުދު އާ ދިމާވި ކަމަށެވެ. ރައުދު ގެއަށް ގެނައި މީހަކު ނޭނގޭ ކަމަށާއި، ރައުދު ފެނުނުއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ދާއޫދު ބުނި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދާއޫދު ބުނި ގޮތުގައި މއ. މާންދޫގޭދެކުނުގޭގައި އެއްވުމެއް އޮތްކަން އެނގުމުން އެ ތަނުގައި ތިބި މީހުންނަށް ފޯނުން ގުޅޭތޯ ބަލާފައިވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންނަށް ގުޅާފައި ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެޕްރީލު 18 ގެ މެންދުރުފަހު ދާއޫދު ގުޅުމުން އެއް މިނިޓުގެ ކޯލެއް ނަގާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދާއޫދު ބުނެފައިވަނީ "ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި" މިހެން ކަމަށާއި، މައްސަލައިގެ ތަފުސީލެއް ނުދީ އެހެން ބުނުމުން ބަލައިލާނެ ކަމަށް ޖަވާބު ދެއްވި ކަމަށެވެ. އޭގެ ފަހުން ވެސް ދާއޫދު ގުޅައި މެސެޖު ކުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލު އުފައްދައި، ތަހުގީގަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ދާއޫދު ވަނީ އެޕްރީލު 24 ގައި ރައީސް އޮފީހުގެ މަގާމުން ސަސްޕެންޑް ކޮށްފައެވެ. ފުލުހުންގެ ތަހުގީގާ މެދު އިތުބާރު ގެއްލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެޕްރީލު 27 ގައި މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ.

ކޮމިޝަނުން ފާހަގަކޮށްފައިވަނީ ދާއޫދު މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދީފައިވާ ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ސާބިތުވާ ކަމަށެވެ. ކޮމިޝަނުގެ އިންކުއަރީ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.