ފިޔޯރީގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި ޚިދުމަތް ފެށުމަށް ތައްޔާރު ވެއްޖެ

ފިޔޯރީގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި ޚިދުމަތް ފެށުމަށް ތައްޔާރު ވެއްޖެ

Author
ހުސައިން
15 ޖޫން 2025 09:47
0

ގދ. ފިޔޯރީގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި، އެ ނިޒާމު ކޮމިޝަންކޮށް ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވެއްޖެކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވަނީ އިޢުލާންކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި މި މަޝްރޫޢަށް ޖުމުލަ 59.95 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ މާލީ އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢު ކޮމިޝަންކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިން ފިޔޯރީއަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންދެވުނެވެ.

މި މަޝްރޫޢުގެ ދަށުން ފިޔޯރީގައި ފެން އުފެއްދުމަށް ބޭނުންވާ ޕްލާންޓް ބެހެއްޓުމަށް ޚާއްސަ އިމާރާތެއް ތަރައްޤީކުރުމާއެކު، ރަށުގެ އެކި ސަރަހައްދުތަކަށް ފެނުގެ މައިނެޓްވޯކް އެޅުމުގެ މަސައްކަތް ފުރިހަމަކޮށްފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް ނިމިފައިވާއިރު، ސާފު ބޯފެން އުފެއްދުމަށް ބޭނުންވާ ފެންޕްލާންޓާއި ބޯހޯލް ތޮރުފައި ރިޖެކްޓް ލައިން އެޅުމާއި، ފެން ރައްކާކުރާ ބޮޑު ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ފުރިހަމަވެފައިވެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ގޮތުން ރަށުގެ އެކި ހިސާބުތަކުގައި ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިން ލައިން އެޅުމާއެކު، ޕަންޕިން ސްޓޭޝަން ގާއިމުކޮށް ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތް ނިމިފައިވެއެވެ. ހަމައެއާއެކު ރައްޔިތުންގެ ގޭގެގައި ނަރުދަމާގެ ޖަންކްޝަން ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްވެސް ފުރިހަމަވެފައިވާކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ފެނުގެ ފެންވަރު ބެލުމަށް ބޭނުންވާ ތަހުލީލު ކުރުމުގެ އާލާތްތަކާއި، ނަރުދަމާ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ޚާއްސަ ވެހިކަލްވެސް ފޯރުކޮށްދޭނެކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ޔަޤީންކަން ދީފައެވެ. މި ޚިދުމަތް ފެށުމުން ފިޔޯރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ޒަމާނީ ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.