ރާއްޖޭގެ ޖަލުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ މިންވަރަށް އޮފިސަރުން ރެކްރޫޓް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފާހަގަކުރައްވައިފިއެވެ.
ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމް ނިންމި ދަސްވެނިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުންނަކީ އިންތިހާއަށް ހީވާގި، ޒިންމާދާރު މަސައްކަތެއް ކުރާ ބަޔަކު ކަމަށެވެ. އަދި އެކަށީގެންވާ އަދަދަކަށް އޮފިސަރުން ނުލިބުނު ނަމަވެސް، މިހާރު ޚިދުމަތްކުރާ އޮފިސަރުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ޒިންމާތައް އަދާކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތައް ދުނިޔޭގެ އެހެން ޤައުމުތަކުގެ ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާ ގުޅޭ މައްސަލަތައް ވަރަށް މަދުން މެނުވީ ފާހަގަ ނުކުރެވޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ކަރެކްޝަންސްއަށް ބޭނުންވަނީ އިލްމީ ގޮތުން ތަމްރީނުލިބިފައިވާ އޮފިސަރުން ކަމަށެވެ. ޖަލުތަކުގައި މަސައްކަތްކުރާ ހީވާގި އަދި މުރާލި އޮފިސަރުން އަދާކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ޒިންމާއެއް ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކޮމިޝަނަރ ޒަރީރު ވިދާޅުވީ ކޮރަޕްޝަނާއި ރިޝްވަތުގެ ކަންކަމުން ދުރުހެލިވެ، ޤައުމީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް އަލަށް ޚިދުމަތަށް ގުޅުނު އޮފިސަރުންނަށް އޭނާ ނަސޭހަތްތެރިވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން ބައިވެރިވެލެއްވިއެވެ. ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ދަސްވެނިންނަށް ޕްރިޒަން އޮފިސަރުންގެ ހުވާކުރުވައިދެއްވީ މާފުށީ ކޯޓުގެ ޣާޒީ ފަނޑިޔާރު އަލްއުސްތާޛު ޖިނާން އިބްރާހިމް ލަޠީފްއެވެ.
ކޮމެންޓު ފޮނުވާ