އީރާނުން އިސްރާއީލަށް ފޮނުވާލި މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ 7 މީހަކު މަރުވެ، އިތުރު އެތައް ބަޔަކޔ ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ މުހިންމު އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.
އީރާނުން ދިން މި ހަމަލާތަކަކީ އިސްރާއީލުން ކުރިން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުންޏެވެ. "އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް 3″ ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަން ފެށީ ޖީއެމްޓީ ގަޑިން ރޭ 11:40 ގައި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
މިސައިލް ހަމަލާތައް ފެށިތާ ގަޑިއެއްހާއިރު ފަހުން ގުދުސް އާއި ތެލް އަވީވް ފަދަ ބޮޑެތި ސިޓީތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވުނު ކަމަށް ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރެއެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ވީޑިއޯތަކުން ފެންނަ ގޮތުގައި، އީރާނުގެ ބައެއް މިސައިލްތައް އިސްރާއީލުގެ ދިފާޢީ ނިޒާމަށް ހުއްޓުވުމަކަށް ނާދެވި، ސީދާ އިމާރާތްތަކަށް ވަދެ ގޮވާ މަންޒަރު ފެނެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ހަމަލާތަކުގައި ޚާއްޞަކޮށް އަމާޒު ހިފީ އިސްރާއީލުގެ ހަނގުރާމައިގެ ޖެޓުތަކަށް ތެޔޮ އަޅާ މަރުކަޒުތަކަށެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ ގިނަ ސަރަޙައްދުތަކެއްގައި އިންޒާރުގެ ސައިރަން ޖަހައި، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އިރުޝާދު ދީފައެވެ.
މި ފަހުގެ ހަމަލާތައް އައީ އިސްރާއީލުން އީރާނުގައި ހުރި ތެޔޮ ރައްކާކުރާ މުހިންމު ދެ ތަނަކަށް ހަމަލާދިނުމަށްފަހުގައެވެ. އީރާނުގެ އޮއިލް މިނިސްޓްރީން ބުނި ގޮތުގައި، ތެހެރާނުގެ ހުޅަނގު އުތުރުގައި ހުރި ޝަހްރާންގެ ތެޔޮ ރައްކާކުރާ ފެސިލިޓީއަކަށާއި، އެ ސިޓީގެ ދެކުނުގައި ހުރި އެހެން ސްޓޯރޭޖް ސައިޓަކަށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ.
މި ދެ ޤައުމުގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ދެކޮޅުވެރިކަން މިހާރު ވަނީ ސީދާ އަސްކަރީ ހަމަލާތަކަށް ބަދަލުވެފައެވެ. ކުރިން މައިގަނޑު ގޮތެއްގައި ސީރިއާ އާއި ލުބުނާން ފަދަ ޤައުމުތަކުގައި ހަރަކާތްތެރިވާ ގްރޫޕުތައް މެދުވެރިކޮށް ކުރިޔަށްދިޔަ ނުސީދާ ހަނގުރާމަ، މިހާރު ވަނީ ދެ ޤައުމު ސީދާ އެކަކު އަނެކަކަށް ހަމަލާދޭ ހާލަތަކަށް ބަދަލުވެފައެވެ.
މި ސިލްސިލާ ހަމަލާތައް ފެށުނީ ސީރިއާގެ ވެރިރަށް ދިމިޝްޤުގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދީ، އީރާނުގެ އިސް އަސްކަރީ އޮފިސަރުން މަރާލުމުންނެވެ. އޭގެ ފަހުން އީރާނުން ވަނީ ފުރަތަމަ ފަހަރަށް އެ ޤައުމުގެ ސަރަޙައްދުން ސީދާ އިސްރާއީލަށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާއެއް ދީފައެވެ. މިހާރު އަނެއްކާވެސް ފެންނަމުންދަނީ ފެންނަމުންދަނީ އެ ހަމަލާތަކަށް ފަހު، ދެ ޤައުމު އެއްގައުމު އަނެއް ގައުމަށް ދެމުންދާ މަންޒަރެވެ.
ކޮމެންޓު ފޮނުވާ