އިސްރާއީލުން އިރާނުގެ މުހިންމު ގޭސް ކާރުހާނާއަކަށް ޑްރޯން ހަމަލާދީފި

އިސްރާއީލުން އިރާނުގެ މުހިންމު ގޭސް ކާރުހާނާއަކަށް ޑްރޯން ހަމަލާދީފި

Author
ހުސައިން
14 ޖޫން 2025 10:22
0

އިސްރާއީލުން މިރޭ އިރާނުގެ ބުޝެހްރު ޕްރޮވިންސްގައި ހުންނަ ގޭސް ކާރުހާނާއަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދިން ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ހަމަލާގައި ޓާގެޓްކޮށްފައިވަނީ ބުޝެހްރު ޕްރޮވިންސްގެ ދެކުނުގައި ޤާއިމުކޮށްފައިވާ ސައުތު ޕާސް ގޭސް ކާރުހާނާގެ ފޭސް 14 ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑުގައި ހިމެނޭ ކާރުހާނާއެކެވެ.

ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު އަލިފާންގަނޑެއް ރޯވި ކަން ވީޑިއޯތަކުން ފެނެއެވެ. މިވަގުތު ފަޔާ ފައިޓަރުން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިރާނުގެ އޮފިޝަލަކު އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނީ، ފޭސް 14 ގޭސް ރިފައިނަރީގެ އެއް ބަޔަށް ގެއްލުން ލިބުނު ނަމަވެސް، އެހާ ބޮޑު ގެއްލުމެއް ނޫން ކަމަށެވެ. ހަމަލާގައި ފަޖްރު ޖޭމް ރިފައިނަރީއަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް މި ހަމަލާގެ ސަބަބުން ގޭސް ސަޕްލައިއަށް އަސަރެއް ނުކުރާ ކަމަށާއި، ގޭސް ފޮނުވުމުގެ މަސައްކަތް އާދައިގެ މަތިން ކުރިއަށްދާ ކަމަށް އިރާނުގެ އޮފިޝަލް ވަނީ ޔަޤީންކަން ދީފައެވެ.

ސައުތު ޕާސް ގޭސް ފީލްޑަކީ އިރާނާއި ގަތަރު ގުޅިގެން މިލްކުވެރިވާ ނެޗުރަލް ގޭސް އުފެއްދުމުގެ ޚާއްޞަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކަކީ އިރާނުގެ އިޤްތިޞާދަށް ނުހަނު މުހިންމު ތަންތަން ކަމުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.