އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް މުސްލިމު ދުނިޔެ އެއްބައިވުމަށް ޕާކިސްތާނުން އިސްލާމީ އުއްމަތަށް ގޮވާލައިފިއެވެ. ހޮނިހިރު ދުވަހު ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، އީރާނާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ފާހަގަކުރައްވައި، އިސްލާމް އާބާދުން އީރާނުގެ މަސްލަހަތު ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރާނެ ގޮތެއް ކަނޑައެޅުމަށް އާސިފް އެދިވަޑައިގެންފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްލިމު އުންމަތުން މިވަގުތު ޢަމަލީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ އެހެން މުސްލިމު ޤައުމުތަކަށް ވެސް މިފަދަ ތަޖުރިބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އިސްރާއީލުން އީރާނާއި ޔަމަނާއި ފަލަސްޠީނަށް ވަނީ ހަމަލާދީފައި ކަމަށް ފާހަގަކުރައްވަމުން އާސިފް ވިދާޅުވީ، މުސްލިމު ޤައުމުތައް މިހާރު ގުޅިގެން ތެދުނުވާނަމަ ކޮންމެ ޤައުމަކަށް ވެސް މިކަހަލަ ނުރައްކާތަކާ ދިމާވެދާނެ ކަމަށެވެ. އަދި މުސްލިމު ނޫން ޤައުމުތަކުން ވެސް އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރާ ހާލުގައި، މުސްލިމު ދުނިޔެ އަދިވެސް ހަމަޖެހޭ ފިޔަވަޅެއް ނޭޅި ތިބޭކަން އޭނާ ހިތާމަވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިން ވަނީ އިސްރާއީލުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ގޮތެއްގައި ކުށްވެރިކޮށްފައެވެ. ޚާރިޖީ ވަޒީރު އިސްހާޤް ދާރު ހުކުރު ދުވަހު ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކަކީ އީރާނުގެ މިނިވަންކަމާއި ސިޔާދަތާ ދެކޮޅަށް ހިންގި ނުބައި ޢަމަލުތަކެއް ކަމަށާއި، ޕާކިސްތާނުން އީރާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ތިބޭނެ ކަމަށެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއި ރައީސް އާސިފް ޢަލީ ޒަރްދާރީ ވެސް ވަނީ އިސްރާއީލުގެ ވައިގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. ރައީސް ޒަރްދާރީ ހުކުރު ދުވަހު ނެރުއްވި ބަޔާނުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި އދ އަށް ގޮވާލެއްވީ، ހަމަލާދިން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅު އަޅައި، މި ހިތާމަވެރި ހާލަތު އިތުރަށް ދެރަވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.
ކޮމެންޓު ފޮނުވާ