ރައީސްގެ ވައުދުގެ ފުއްދުމަށް ސްޓެލްކޯއިން ފަސްލައްކަ ގަސް އިންދަނީ

ރައީސްގެ ވައުދުގެ ފުއްދުމަށް ސްޓެލްކޯއިން ފަސްލައްކަ ގަސް އިންދަނީ

Author
ހުސައިން
14 ޖޫން 2025 05:36
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ވައުދު ފުއްދުމަށް އެހީތެރިވުމުގެ ގޮތުން 500،000 ގަސް އިންދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފިއެވެ. މި ކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ހަރަކާތްތަކަކީ ފަސްލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް އަޅުގަނޑުމެން އަމާޒުހިފާފައިވާ ގޮތަށް ފަސްލައްކަ ގަސް އިންދިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މި ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް ޚާއްސަ ޕްރޮގްރާމެއް ފެއްޓެވީ ޖޫން 5 ވަނަ ދުވަހުއެވެ.

ކްލައިމެޓް އެމަރޖެންސީ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވަނީ މިހާތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ ގަސް އިންދިފައިވާ ކަމަށް ހާމަކުރައްވާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކުންނާއި ކުންފުނިތަކާއި ޖަމިއްޔާތަކުން ވެސް ދަނީ ގަސް އިންދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.