ރައުދު ރާއްޖެއިން ފުރާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި

ރައުދު ރާއްޖެއިން ފުރާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި

Author
ހުސައިން
13 ޖޫން 2025 09:56
0

ހ. ފެންޓެނޯއީ ގޭގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދު ޛިލާލް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ. ރައުދުގެ މައްޗަށް ކޮށްފައިވާ ފުރުން މަނާކުރުމުގެ އަމުރު މިހާރުވެސް ދެމިއޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް 18 ގައި ހ. މިޓާޒް ގޭގެ ފުރާޅުމަތީގައި ޒަޚަމްތަކަކާއެކު ފެނިފައިވާ ޔުމްނުގެ މައްސަލައިގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް އެކަށީގެންވާ ސަބަބެއް ނެތި އެހީނުދިނުމުގެ ކުށުގެ ދަޢުވާ މިމަހުގެ 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން ކުރި މި ދަޢުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އޭޕްރީލް 18 ވަނަ ދުވަހު ފަތިހު 04:54 ހާއިރު ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުރި ފެން ލައިޓުން ޔުމްނު ވެއްޓުނުކަން އެނގިހުރެވެސް ރައުދު އެހީތެރިވެދީފައި ނުވާ ކަމަށާއި، ކަމާބެހޭ އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދު ކަން ސީސީޓީވީ ފުޓޭޖުތަކުން ސާބިތުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަނިޔާވި ޔުމްނު މިވަގުތު މެލޭޝިއާގައި ފަރުވާ ހޯދަމުން ދާއިރު، އޭނާގެ ބަޔާން ނެގުމަށް ފުލުހުން ކުރި މަސައްކަތްތަކަށް އާއިލާގެ އެއްބާރުލުން ނުލިބޭތީ، މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލަ ތަޙުޤީޤުކުރުމުގައި އެއްވެސް އިދާރާއަކަށް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާ އެއްގޮތަށް ކަންކަން ހިނގާފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިހާރު ދަނީ މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.