މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އުތުރާއި މެދުރާއްޖެއަށް މިރޭ ހުދު ސަމާލު ނެރެފައިވެއެވެ. މިސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް މިރޭގެ 20:00 އިން ދަންވަރު 02:00 ގެ ނިޔަލަށެވެ.
ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާދީފައިވެއެވެ. މިކަމާ ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ޖޫން 9 ވާ ހޯމަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް އެއިދާރާއިން ކުރިން ލަފާދީފައިވެއެވެ. އެގޮތުން އާންމުކޮށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ.
ގަދަ ވައިގަދަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިޔަވަރު ބޯދުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ