ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިރޭގެ 19:45 އިން ދަންވަރު 01:45 އާ ދެމެދު ހުދު ސަމާލު ނެރެފައިވާއިރު، އެ މުއްދަތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
އުތުރާއި މެދު ރާއްޖެ ތެރެއަށް ވެސް މިރޭ ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް މިރޭގެ 02:30 ގެ ނިޔަލަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވަމުން އަންނަ ކަމަށް މޫސުމާ ބެހޭ އިދާރާއިން ފާހަގަކޮށްފައިވެއެވެ. ޖޫން 9 ވާ ހޯމަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަކުރާނެ ކަމަށް މީގެ ކުރިން ނެރުނު ބަޔާނެއްގައި ލަފާކޮށްފައިވެއެވެ. އެ މުއްދަތުގައި އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމާތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ