އަނިޔާ ލިބޭ އަންހެނުންނަށް ޚާއްސަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި 3 ޝެލްޓަރ ގާއިމުކުރަނީ

އަނިޔާ ލިބޭ އަންހެނުންނަށް ޚާއްސަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި 3 ޝެލްޓަރ ގާއިމުކުރަނީ

Author
ހުސެއިން
09 ޖޫން 2025 05:02
0

ގެވެށި އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 3 ޑޮމެސްޓިކް ވައިލެންސް ޝެލްޓަރ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ހާމަކުރައްވައިފިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފާހަގަކުރެއްވީ، މިހާރު ރާއްޖޭގައި އޮތީ އެންމެ ޝެލްޓަރެއް ކަމަށާއި، މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އިތުރުވަމުންދާތީ، އިތުރު ޝެލްޓަރތައް ގާއިމުކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި މި ޝެލްޓަރތަކަކީ އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް ވަގުތީ ހިޔާވަހިކަމާއި ރައްކާތެރިކަން ލިބޭނެ ތަންތަން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން މާލޭގައި ގާއިމުކޮށްފައިވާ އިސްވެރިންގެ ނާދީގައި އެކި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި މުޖުތަމަޢީ ހަރަކާތްތައް ހިންގަމުންދެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް އެޗްޑީސީއާ ގުޅިގެން އިސްރަށްވެހިންނަށް ޚިދުމަތްދޭ މަރުކަޒެއް ހުޅުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ގޮތުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި އިސްރަށްވެހިންގެ ނާދީތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ނާދީތަކަކީ އުމުރުން ދުވަސްވީ މީހުންނަށް އެކުވެ، ގުޅުން ބަދަހިކޮށް، އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ތަންތަން ކަމަށް ވިދާޅުވިއެވެ.

މުޖުތަމަޢު ބާރުވެރިކުރުމުގެ ގޮތުން "ހާލު ކިހިނެއް" އަދި "އިބަމް" ޕްރޮގްރާމްތައް މިނިސްޓްރީން ހިންގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން ރައްޔިތުންނަށް ދިމާވާ އެކި ދަތިތައް ދެނެގަނެ، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާތަކާ ގުޅިގެން ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެކަމަނާ ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.