"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގައި ތިބި 75 ކުދިން ޢާއިލާތަކާ ޙަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން ތިބިކަމަށް ވަޒީރު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ފާހަގަކުރެއްވިއެވެ.
ވެލްފެއާ ސެންޓަރުތަކުގައި ތިބި ކުދިން މުޖުތަމަޢުގެ ފައިދާހުރި މެންބަރުންގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސެންޓަރުތަކުން ނިކުމެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތަށް އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ.
އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓް ޑިޕާޓްމަންޓެއް އުފައްދައި، ދައުލަތުގެ ބެލުމުގައި ތިބި ކުދިންގެ ޢުމުރުން 14 އަހަރު ފުރުމުން އެކުދިން ޝައުޤުވެރިވާ ދާއިރާތަކުން ތަމްރީނު ފުރުޞަތުތައް ހޯދައިދެމުންދާކަމަށްވެސް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. މީގެއިތުރުން 18 އަހަރު ފުރުމުގެ ކުރިން އެކުދިންނަށް ސެޓްފިކެޓް ލިބޭނެ ގޮތަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގައި ތިބި ކުދިންނަކީ މުޖުތަމަޢަށް ޚިދުމަތްކުރާ، މުޖުތަމަޢު ބަލައިގަންނާ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކަކީ އެކުދިންގެ މުސްތަޤުބަލު އުޖާލާކޮށް، އެމީހުންނަށް ކާމިޔާބު ދިރިއުޅުމެއް ބިނާކުރުމަށް ފަހިކުރާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ