އިމާރާތްކުރުމުގެ މަސައްކަތްތަކަށް އިންޝުއަރެންސް ނެގުން ލާޒިމުކޮށްފި

އިމާރާތްކުރުމުގެ މަސައްކަތްތަކަށް އިންޝުއަރެންސް ނެގުން ލާޒިމުކޮށްފި

Author
ހުސައިން
08 ޖޫން 2025 03:42
0

އިމާރާތްކުރުމާއި ބިނާވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާއިރު އިންޝުއަރެންސް ޕްލޭނެއް ނެގުން ލާޒިމުކުރާ އައު ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށް އިއުލާނުކޮށްފިއެވެ.

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނެވުނު ފަސްވަނަ އިސްލާހުގައި ވާގޮތުން، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިމާރާތްކުރުމުގެ ކޮންމެ ޕްރޮޖެކްޓެއްގައިވެސް އިންޝުއަރެންސް ކަވަރޭޖެއް ހޯދަންޖެހޭނެއެވެ. މި އިންޝުއަރެންސްގެ ދަށުން ކަވަރުކުރާނީ މަސައްކަތުގައި އުޅޭ މީހުންނަށާއި، އިމާރާތްތަކަށާއި، ތިމާވެށްޓަށް އަދި އަވަށްޓެރި ބިނާތަކާއި މުދަލަށް ލިބިދާނެ ގެއްލުންތަކެވެ.

މި އައު ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި މި ގަވާއިދަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ރައްކާތެރިކަމާއި ޒިންމާދާރުކަން އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ.

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ލިބުމުގެ ފުރުސަތު މި ގަވާއިދުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި މި ނިޒާމު ތަންފީޒުކުރުމަށްޓަކައި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކުން ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގެ ކުރިން އިންޝުއަރެންސް ކަވަރޭޖް ހޯދާފައިވާކަން ޔަގީންކުރަންޖެހޭނެ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި އައު ގަވާއިދުގެ ދަށުން އިމާރާތްކުރާ ފަރާތްތަކުން މަސައްކަތުގައި ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެ ކަމަށްވާތީ، މި ބާވަތުގެ އިންޝުއަރެންސް ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.