އަނަސް މަރާލި މައްސަލާގައި ހެކި ނެތިގެން އެކަކު ސަލާމަތް ވެއްޖެ

އަނަސް މަރާލި މައްސަލާގައި ހެކި ނެތިގެން އެކަކު ސަލާމަތް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 08:30
0

ގުރޫފަކުން ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖުވައިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ސައިކަލުތަކެއްގައި އައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަދުވަހުގެ ރެއެވެ. އަނަސް އަށް މި ގްރޫޕުން ހަމަލާދީފައި ވަނީ އޭނާ ފިލަން އެމަގުގައި ހުރި ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށް ފަހުއެވެ. މި މާރާމާރީގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ހަމަލާދީފައިވާއިރު، އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު، އަނަސްއަށް ހަމަލާދިނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ބުނެފައި ވުމުގެ އިތުރަށް އެ ހާދިސާ ހިނގި ދުވަހު އެ ކުއްޖާ އޭނާގެ ރަހުމަތްތެރިންތަކަކާ އެކު ހުޅުމާލެ ދިއުމަށް ފަހު އެރޭ މެންދަމާ ހަމައަށް ގޭގައި ތިބި ކަމަށް އެ ކުއްޖާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބުނެފައިވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި ޅ.ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު އަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން ގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

މި އެންމެންގެ ޝަރީއަތަށްވެސް ކޯޓުގައި އަންނަނީ ހިގަމުންނެވެ. މި އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މި އެންމެންގެ މައްސަލަތުގައިވެސް ދެން އޮނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.