ބޭރު ދަތުރުތަކުން ރާއްޖެއަށް ތަރައްޤީގެ އެހީ ލިބެމުންދޭ: ޚަލީލު

ބޭރު ދަތުރުތަކުން ރާއްޖެއަށް ތަރައްޤީގެ އެހީ ލިބެމުންދޭ: ޚަލީލު

Author
ހުސައިން
06 ޖޫން 2025 07:40
0

ސަރުކާރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް ފައިދާކުރަނިވި ނަތީޖާތައް ފެންނަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ، ބޭރު ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ. މިނިސްޓަރު ޚަލީލް ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ވަރަށް ދަތިވެފައި ވަނިކޮށް، އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވާނެ ކަމުގެ ވާހަކަ ފެތުރެމުން ދިޔަ ކަމަށެވެ.

"ޚާރިޖިއްޔާއާއި ޖުމުލަކޮށް ދިވެހި ދައުލަތުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތް ދުވަހެއް ދުވަހަކަށް ކުރިއަރައި ރައްޔިތުންނަށް ނަފާވާނެ ކަހަލަ ކަންތައްތަކެއް ރައީސް ގެނެސްދެއްވާކަން،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ބޭރު ދަތުރުތަކުގެ ސީދާ ނަތީޖާތަކުގެ ގޮތުގައި ޚާރިޖީ ވަޒީރު ފާހަގަކުރެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު އަލުން ފެށުމާއި، ތިލަފުށި-މާލެ ގުޅާލާ ބްރިޖުގެ މަސައްކަތް އަވަސްވެފައިވާ ކަމެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު ތިލަމާލެ ބްރިޖުގެ މަސައްކަތުގެ އެންމެ 22 އިންސައްތަ ނިމިފައިވީ ނަމަވެސް، މިހާރު އެ މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ބޭރު ދަތުރުތަކަކީ ހަމައެކަނި ދަތުރު ކުރުމަށް ޓަކައި ކުރާ ދަތުރުތަކެއް ނޫން ކަމަށާއި، ނަތީޖާ ނެރެވޭ ގޮތަށް ރޭވިގެން ކުރެވޭ ދަތުރުތަކެއް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މި ދަތުރުތަކުގައި ތަރައްޤީގެ އެހީ ހޯދުމުގެ އިތުރުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެވޭ ކަމަށް ޚަލީލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާތައް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ ފެންނަމުންދާ ތަން އެބަފެނޭ،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.