ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް ސޯލާ ހަކަތައަށް ބަދަލުކުރުމަށް ޖަޕާނު ކުންފުންޏަކާއެކު އެއްބަސްވެއްޖެ

ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް ސޯލާ ހަކަތައަށް ބަދަލުކުރުމަށް ޖަޕާނު ކުންފުންޏަކާއެކު އެއްބަސްވެއްޖެ

Author
ހުސައިން
01 ޖޫން 2025 09:38
0

ހދ. ކުޅުދުއްފުށީގައި ފެނުގެ ޚިދުމަތް ދިނުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ އެކު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުހައްމަދާއި ކެނެޑޭވިއާ ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރު ޓަކެށީ އައިބާ ސޮއިކުރި މި އެއްބަސްވުމުގައި ކުޅުދުއްފުށީގައި ބޮޑު ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓަކާއި، 500 ކިލޯވޮޓްގެ ސޯލާ ޕެނަލް ސިސްޓަމަކާއި، 1450 ކިލޯވޮޓް އަވާގެ ބެޓެރީ ސިސްޓަމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް ފުރިހަމައަށް ސޯލާ ހަކަތައަށް ބަދަލުކުރާ ބޮޑު ފިޔަވަޅެކެވެ.

މަޝްރޫޢުގެ ޖުމްލަ ހަރަދުގެ ތެރެއިން 27 ޕަސެންޓް ޚަރަދުކުރަނީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީ) އިން ހިލޭ އެހީގެ ގޮތުގައެވެ. ކެނެޑޭވިއާ ކޯޕަރޭޝަނުން 27 ޕަސެންޓް ހިއްސާކުރާއިރު، ބާކީ 46 ޕަސެންޓް ހިއްސާކުރަނީ އެމްޑަބްލިއުއެސްސީއިންނެވެ.

މި މަޝްރޫޢު ފުރިހަމަވުމުން އަހަރަކު 200,000 ލީޓަރުގެ ޑީސަލް ބޭނުން ނުކޮށް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 573 ޓަނުގެ ކާބަން ޑައިއޮކްސައިޑް ގޭސް ޖައްވަށް ނުފޮނުވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތައް ކުރިއެރުވުމާއި، އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ރާއްޖެއަށް އެތެރެކުރާ ތެލުގެ މިންވަރު ކުޑަކޮށް، ކުންފުނީގެ ޔޫޓިލިޓީ ޚިދުމަތްތަކާއި އޮޕަރޭޝަންތައް ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބަދަލުކުރުމަށް މި މަޝްރޫޢު މަގުފަހިކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.