މާލެ އާއި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑި، ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ވަންދެން ދެމިގެންދިޔަ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހާމަކުރެއްވި ގޮތުގައި، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން މެދުވެރިވި މި ހާދިސާ މިހާރު ވަނީ ފުރިހަމައަށް ހައްލުކުރެވިފަ އެވެ. ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް މަސައްކަތްކުރި ސްޓެލްކޯގެ ޓެކްނިކަލް ޓީމުތަކާއި އެހީތެރިވި ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވަމުން، އެ ފަރާތްތަކަށް ފަހުމީ ޝުކުރު އަދާކުރެއްވި އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާއި އުނދަގޫތަކަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި މިކަހަލަ ހާދިސާތައް މުސްތަގުބަލުގައި ތަކުރާރު ނުވާނެކަމަށް ކަށަވަރުކުރުމަށްޓަކައި، ގްރިޑް ސިސްޓަމް ހަރުދަނާކޮށް، ބޭނުންވާ އެންމެހައި އިޞްލާޙީ ފިޔަވަޅުތައް ސްޓެލްކޯއިން އަޅާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ގްރޭޓާ މާލެ ގްރިޑް ބްލެކްއައުޓަކަށް ދިޔުމަށް މެދުވެރިވި ސަބަބުތައް ތަފްސީލުކޮށް ބަލައި، އެކަމާ ގުޅޭ މައުލޫމާތު ތަޙުގީގު ނިމުމުން ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފަ އެވެ. މި ހާދިސާއަކީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ ކަރަންޓު ސިސްޓަމަށް ދިމާވި އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމުގައި ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ