އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފި، މާލެ އާއި ހުޅުމާލެއަށް ކަރަންޓު ލިބުން ލަހެއް ނުވާނެ: ސްޓެލްކޯ

އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފި، މާލެ އާއި ހުޅުމާލެއަށް ކަރަންޓު ލިބުން ލަހެއް ނުވާނެ: ސްޓެލްކޯ

Author
ހުސައިން
01 ޖޫން 2025 02:51
0

ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފިކަމަށާއި، މާލެ އާއި ހުޅުމާލެއަށް ކަރަންޓު ލިބުން ލަހެއް ނުވާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

މާލެ އާއި ހުޅުމާލޭގައި އާދީއްތަ ދުވަހުގެ މެންދުރުފަހު ކަރަންޓު ކެނޑުމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ ހިދުމަތްތަކަށް ބޮޑު ދަތިތަކެއް ކުރިމަތިވެ، މި ހާދިސާއާ ގުޅިގެން ޚާއްސަ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެފެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުގައިވާ ހަތަރު ހޮސްޕިޓަލްގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ހޮސްޕިޓަލަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓްކޯއިން ވަނީ ބުނެފައެވެ. އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސް ހިންގަމުންދަނީ ބެކަޕް ޕަވަރ ބޭނުންކޮށްގެން ކަމަށް ހޮސްޕިޓަލްތަކުން ބުނެފައިވެއެވެ.

ކަރަންޓު ކެނޑުނު ސަބަބުން ބައެއް އިމާރާތްތަކުގެ ލިފްޓްތަކުގައި މީހުން ތާށިވެފައިވާ ކަމަށާއި، އެ މީހުން ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމްތައް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްކުރެވެއެވެ. މި ހާދިސާއާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ސްކޫލްތައް ބަންދުކޮށް ދަރިވަރުން ގެޔަށް ފޮނުވާލުމުގެ މަސައްކަތްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ވެފައިވާއިރު، ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ބައެއް ތަންތަނަށް ކަރަންޓު އަލުން ދީފައިވީ ނަމަވެސް، އަނެއްކާވެސް ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓްކުރެވުނެވެ. މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ މާލެ އާއި ހުޅުމާލެއަށް ކަރަންޓު ލިބުން ލަސް ނުވާނެ ކަމަށް ބުނެފައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކުގެ މަސައްކަތްތައް ހުއްޓި، މުވައްޒަފުން އޮފީސްތަކުން ނުކުންނަން ފަށާފައިވާ ކަމަށް ރިޕޯޓްކުރެވެއެވެ. ހޮސްޕިޓަލްތަކުން ބުނެފައި ވަނީ ބެކަޕް ޕަވަރ ބޭނުންކޮށްގެން ކްރިޓިކަލް އޭރިއާތަކަށް ކަރަންޓު ދީފައިވާ ކަމަށާއި، ޕޭޝަންޓް ކެއާގެ ހިދުމަތަށް ބުރޫއެއް ނާރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.