ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނިމުމަކަށް އަންނަ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މައުރަޒު ހުޅުވާފައި ބަހައްޓާ ގަޑިތައް އިތުރުކޮށް، ޢާއިލާތަކަށް ޚާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ މައުރަޒުގެ ފަހު ދުވަސް ފާހަގަކުރުމަށްޓަކައި ޚާއްސަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. މިގޮތުން ހެނދުނު 7:00 އިން 11:00 އާ ދެމެދު ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޅިވަރުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ހިންގާ ޕްރޮގްރާމްތަކާ އެއްގޮތަށް ހަވީރު 4:00 އިން 6:00 އާ ދެމެދު އަދި ރޭގަނޑު 8:00 އިން 11:00 އާ ދެމެދުވެސް މައުރަޒުގެ ޢާންމު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބޭއްވި މި މައުރަޒަށް މިހާތަނަށް 150,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި މައުރަޒުގައި ކޮންމެ ދުވަހަކުވެސް އެކި އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭ ގިނަ ހަރަކާތްތަކާއި ސްޓޭޖް ޕަރފޯމަންސްތައް ހިމެނިފައިވާއިރު، އިއްޔެ ހަވީރާއި ރޭގަނޑުވެސް މިފަދަ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މައުރަޒަކީ ސަރުކާރުން ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރިންނަށް ފުރުޞަތު ތަނަވަސްކޮށްދިނުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މައުރަޒަށް ލިބެމުންދާ ބޮޑު ޝައުޤުވެރިކަމުން ދައްކުވައިދެނީ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ޢާންމުން ދަނީ ދެނެގަންނަމުންކަމެވެ.
ކޮމެންޓު ފޮނުވާ