ވިލިމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފި

ވިލިމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފި

Author
ހުސައިން
29 މެއި 2025 02:18
0

މަގުތަކުގެ ރައްކާތެރިކަން ގާއިމް ކުރުމަށް މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ކުރަމުންދާ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް ކައުންސިލުން ހާމަކޮށްފިއެވެ. ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތްތަކުގެ ތެރޭގައި ޒިބްރާކްރޮސް ޖެހުމާއި، ބަސް ސްޓޮޕްތައް ގާއިމުކުރުމާއި، ޓްރެފިކް ލައިންތަކާއި ޕާކިންގ ލައިންތައް ކުރެހުން ހިމެނެއެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ، މާލެއާ އެއްގޮތަށް ވިލިމާލޭގެ ރައްޔިތުންނަށް ވެސް ރައްކާތެރި މަގުތަކެއް ބޭނުންވާނެ ކަމަށާއި، އެހެންކަމުން މި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. މޭޔަރ ވިދާޅުވި ގޮތުގައި ވިލިމާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް ޓަކައި މި މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ވިލިމާލޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިތުރު މައިޒާނެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން މުޅި ވިލިމާލެ ސާފުކުރުމުގެ ޚާއްޞަ ޕްރޮޖެކްޓެއް ވެސް ކައުންސިލުން ކުރިއަށް ގެންދާކަމަށް ހާމަކޮށްފައިވެއެވެ.

ވިލިމާލޭގެ ހުސް ބިންތައް ސާފުކުރުމަށްފަހު އެ ބިންތަކުގައި ގަސް އިންދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ނިންމާފައިވެއެވެ. ކައުންސިލުން ބުނެފައިވަނީ މި ބިންތަކުގައި ހިޔާދޭ ގަސްތަކާއި، ބަގީޗާ ގަސްތަކާއި، މާ ގަސްތަކުގެ އިތުރުން މޭވާއާއި ތަރުކާރީ ގަސްތައް ވެސް އިންދުމަށް ރާވާފައިވާ ކަމަށެވެ.

މި މަސައްކަތްތަކަކީ ވިލިމާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.