ހުޅުމާލޭގައި އެފްއޭއެމް މެދުވެރިކޮށް އަޅަން ނިންމި ސްޕޯޓްސް ސްކޫލު ޕްރޮޖެކްޓުގައި ކޮރަޕްޝަންގެ ގިނަ މައްސަލަތައް ހިމެނޭކަން ހާމަވެެއްޖެ

ހުޅުމާލޭގައި އެފްއޭއެމް މެދުވެރިކޮށް އަޅަން ނިންމި ސްޕޯޓްސް ސްކޫލު ޕްރޮޖެކްޓުގައި ކޮރަޕްޝަންގެ ގިނަ މައްސަލަތައް ހިމެނޭކަން ހާމަވެެއްޖެ

Author
ހުސައިން
28 މެއި 2025 04:39
0

ހުޅުމާލޭގައި އަޅަން ނިންމި ސްޕޯޓްސް ސްކޫލު ޕްރޮޖެކްޓުގައި ކޮރަޕްޝަންގެ ގިނަ މައްސަލަތައް ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ އޮޑިޓުން ފާހަގަވެއްޖެއެވެ. މި އޮޑިޓުގައި ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރާ ހަމައަށް ކޮށްފައިވާ މުއާމަލާތްތަކާއި މަޝްރޫއުތައް ބަލާފައިވެއެވެ.

2018 ވަނަ އަހަރު ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލެއް އެޅުމަށް 38.5 މިލިއަން ރުފިޔާ ކަނޑައަޅައި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން ނިންމީ ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެފްއޭއެމް މެދުވެރިކޮށެވެ. އެހެންނަމަވެސް، މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ނޫންކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުން ފާހަގަކުރާ ގޮތުގައި، ފުޓްބޯޅަ ޓްރެއިނިން ސްކޫލު އެޅުމަށް ބަޖެޓެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި މި މަސައްކަތަކީ އެ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމެއް ވެސް ނޫނެވެ. މި މަސައްކަތް ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަނާޅައި ކުރިއަށް ގެންދަން އެފްއޭއެމްއިން ނިންމި ސަބަބު އެނގޭކަށް ނެތްކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޕްރޮޖެކްޓާ ގުޅޭ ހަރަދުތައް ކޮށްފައިވަނީ ރައީސް އޮފީހުގެ ލަފާގެ މަތިން، ދައުލަތުގެ ހާއްސަ ބަޖެޓުން ސްޕޯޓްސް މިނިސްޓްރީއަށް ފައިސާ ދޫކޮށްގެންނެވެ. މި ޕްރޮޖެކްޓަށް ހަރަދުކޮށްފައިވާ 38.5 މިލިއަން ރުފިޔާއަކީ އާންމު ބަޖެޓުން ކަނޑައެޅި އަދަދަށްވުރެ 5 ޕަސެންޓު އިތުރު އަދަދެކެވެ.

މާލިއްޔަތު ގަވާއިދުގައި 2.5 މިލިއަނަށްވުރެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ނެޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ހޯދައިގެންކަމަށް ބުނެފައިވީނަމަވެސް، މި މަސައްކަތް އެފްއޭއެމްއާ ހަވާލުކުރުމަށް ނިންމީ ރައީސް އޮފީހުންކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. މި މަސައްކަތް އެފްއޭއެމްއާ ހަވާލުކުރި ސަބަބު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޕްރޮޖެކްޓަށް 8 ފަރާތަކުން ބިޑު ހުށަހެޅި ނަމަވެސް، އިވެލުއޭޓު ކުރީ 5 ބިޑެކެވެ. އިވެލުއޭޓު ނުކޮށް ދޫކޮށްލި 2 ބިޑުގެ އަގު ބޮޑުކަމަށް އިވެލުއޭޝަން ރިޕޯޓުގައި ބުނެފައިވީނަމަވެސް، އެ ދެ ފަރާތުގެ އަގާއި މުއްދަތު އަނެއް ތިން ބިޑަށްވުރެ ކުޑަކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އަދި އެފްއޭއެމްއިން ތައްޔާރުކޮށްފައިވާ ބިޑް އިވެލުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ އަގުތަކާއި މުއްދަތަކީ ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން ބިޑުގައި ބަޔާންކޮށްފައިވާ އަގުތަކާއި މުއްދަތެއް ނޫންކަމަށް ވެސް ފާހަގަވެފައިވެއެވެ.

ޕްރޮޖެކްޓުގެ ބިޑުތައް އިވެލުއޭޓު ކުރުމަށްފަހު މަސައްކަތާ ނުގުޅޭ އިތުރު މަސައްކަތްތައް ވެސް ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެފްއޭއެމްއަށް ފަރުނީޗަރު ގަތުމާއި އަމިއްލަ ތަކެތީގައި ޓާފު ދަނޑު އެޅުން ހިމެނޭއިރު، އިތުރު މަސައްކަތުގެ ގޮތުގައި 9.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް ހަވާލުކޮށްފައިވެއެވެ.

ފުޓްބޯޅަ ޓްރެއިނިން ސްކޫލުގެ މަސައްކަތުގެ ޕްރޮގްރެސް ޕޭމަންޓަށް ފައިސާ ދެއްކުމަށް ތައްޔާރުކޮށްފައިވާ ބައެއް ޕޭމަންޓު ވައުޗަރުތަކަށް އެފްއޭއެމްއިން ހުއްދަ ދީފައެއް ނުވެއެވެ. 10 މިލިއަން ރުފިޔާގެ ތިން ވައުޗަރުގައި ސޮއިކޮށްފައިވާއިރު، ހުއްދަ ދިން މީހެއް އެނގޭކަށް ނެތެވެ. މަސައްކަތް ހަވާލުކުރި ފަރާތަށް ދައްކާފައިވާ 20 މިލިއަން ރުފިޔާ ދައްކާފައިވަނީ ކަމާ ގުޅޭ ވެރިންގެ ހުއްދައާ އެކުކަން ވެސް އެނގޭކަށް ނެތެވެ. ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން މަސައްކަތް ނިންމިކަމުގެ ލިޔުން ތައްޔާރުކޮށްފައެއް ނުވެއެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު 20 ގެ ނިޔަލަށް ޕްރޮގްރެސް ޕޭމަންޓުގެ ގޮތުގައި 6 ފަހަރެއްގެ މަތިން 17 މިލިއަން ރުފިޔާ ދީފައިވެއެވެ. އެފްއޭއެމްއިން ކޮންޓްރެކްޓަރާ އެކު ހެދި އެއްބަސްވުމުގައި، ޕްރޮޖެކްޓް ނުނިމި ލަސްވާ ލަސްވުމަށް ބަދަލު ނަގާނެ އުސޫލެއް ހިމަނާފައި ނެތުމުން، މަސައްކަތް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އެފްއޭއެމްއަށް ހޯދިފައެއް ނުވެއެވެ.

2018 ވަނަ އަހަރުގެ ޖުލައި 4 ގައި ކޮންޓްރެކްޓްކޮށް 90 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 އަށް ވެސް ނުނިމޭކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. މަސައްކަތް ނުނިމެނީސް ޕްރޮޖެކްޓުގެ 84 ޕަސެންޓު ފައިސާއަށްވާ 32 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ސްކޫލުގެ މަސައްކަތްތައް ހަވާލުކުރުމުގައި އަދި ފައިސާ ހަރަދުކުރުމުގެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމަށް ބެލެވޭތީ، އެކަންތައް އިތުރަށް ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.