ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން ޒަމާންތަކަކަށްފަހު ފުރަތަމަ ފަހަރަށް ހައްޖާޖީން ސައުދީ އަރަބިއާއަށް ގެންދިއުމަށް ދަތުރު ކޮށްފިއެވެ. މިއަދު ހެނދުނު 257 ހާޖީންނާއެކު އެ އެއާލައިންގެ އޭ330 މަރުކާގެ ބޯޓު ސައުދީ އަރަބިއްޔާއަށް ފުރައިގެން ގޮސްފައިވާއިރު، މިހާރު ވަނީ ޖިއްދާގައި ހުންނަ ކިންގް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ސަލާމަތުން ޖައްސާފައެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ހާޖީންނަށް ހިދުމަތް ކުރެވުމަކީ އެ އެއާލައިނަށް ލިބޭ ޝަރަފަކާއި ފަޚުރެއް ކަމުގައެވެ. އަދި މި ދަތުރަކީ މޭލުތަކަށްވުރެ ފުޅާ މާނައެއް ހުރި، އީމާންކަމާއި ވިސްނުމާއި އަޅުކަމުގެ ދަތުރެއް ކަމަށް އެ އެއާލައިނުން ވަނީ ފާހަގަކޮށްފައެވެ.
ދިވެހި މުވައްޒަފުން ފޯރުކޮށްދޭ ހޫނު މެހެމާންދާރީއާ އެކު އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން އަދާކުރުމަށް ދާ ހާޖީންނަށް ހިދުމަތް ކުރެވުމަކީ ވަރަށް މާނަވީ ކަމެއްކަމުގައި މޯލްޑިވިއަނުން ބުނެފައިވެއެވެ. އަދި ހާޖީންނަށް ރައްކާތެރި، އޮމާން އަދި ބަރަކާތްތެރި ދަތުރަކަށް އެދި ދުއާކޮށް، އެފަރާތްތަކުގެ ހައްޖު ގަބޫލުކޮށްދިނުމަށް ވެސް ދުއާކޮށްފައިވެއެވެ.
މިއީ ހައްޖުގެ އަޅުކަމަށް މިއަހަރު ރާއްޖެއިން ފުރި ދެވަނަ ގްރޫޕެވެ. އިއްޔެ ވެސް އެއް ގްރޫޕެއް ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާފައެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިފަހަރު ހައްޖަށްދާ ދިވެހި ހާޖީންގެ ތެރެއިން 50 އިންސައްތަ ހާޖީން އުފުލާނީ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ބޯޓުތަކުގައެވެ. މިކަމަށްޓަކައި ޝަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ