ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ %50 އިންސައްތަ ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއަރލައިނުން

ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ %50 އިންސައްތަ ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއަރލައިނުން

Author
ހުސައިން
27 މެއި 2025 02:32
0

މިއަހަރު ރާއްޖެއިން ޙައްޖަށް ފުރާ ޙައްޖުވެރިންގެ ތެރެއިން 50 ޕަސެންޓް ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވީ، ގިނަ ދުވަސްތަކަކަށްފަހު ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވުމަކީ ތާރީޚީ ކަމެއް ކަމަށެވެ. މިއަދު މޯލްޑިވިއަންގެ ފްލައިޓަކުން 255 ޙައްޖުވެރިން ވަނީ މައްކާއަށް ފުރައިގެން ގޮސްފައެވެ.

ފާއިތުވި އަހަރުތަކުގައި ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ ސަޢުދީ އެއަރލައިންތަކާއި ބޭރުގެ އެހެނިހެން އެއަރލައިންތަކުގެ ފްލައިޓުތަކުގައެވެ. ނަމަވެސް މިއަހަރު ޤައުމީ އެއަރލައިނުގައި ޙައްޖުވެރިން ފޮނުވުމުގެ ފުރުޞަތު ލިބުނީ ފުރަތަމަ ފަހަރަށެވެ.

ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް މިއަހަރު ސަރުކާރުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވެއެވެ. މާލެއާއި ހުޅުމާލެއިން ބަސްތަކުގައި އެއަރޕޯޓަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ފަހިކޮށްދީފައިވެއެވެ. ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުޓުން ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެ ކަމަށްވާއިރު، ދެވަނަ ގުރޫޕު މިއަދު ފުރިއެވެ. އެންމެ ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

މިފަހަރު ދިވެހި ޙައްޖުވެރިން މައްކާއަށް ފުރަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުންނެވެ. މިއީ ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން މަރުޙަލާތައް ވައިގެން ފުރިހަމަކުރެވޭނެ ޚާއްސަ އިންތިޒާމެކެވެ. މި ޚިދުމަތް ދިވެހިންނަށް ލިބިފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.