ހުޅުމާލެ ހޮސްޕިޓަލުގެ ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވުނު އާ އެމާޖެންސީ ރޫމް ރައީސް ހުޅުއްވައިދެއްވައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވުނު އާ އެމާޖެންސީ ރޫމް ރައީސް ހުޅުއްވައިދެއްވައިފި

Author
ހުސައިން
26 މެއި 2025 07:52
0

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި 14 އެނދުގެ ޒަމާނީ އެމާޖެންސީ ރޫމް މިއަދު ހަވީރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

މި ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ނިންމުންވެސް މި ރަސްމިއްޔާތުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ބައްލަވާލައްވާފައެވެ. އަދި އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ފާރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ޤާއިމުކޮށްފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކަނޑައަޅާފައިވާ ޞިއްޙީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައެވެ. މި މަޝްރޫޢަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިްޓްކޮށްގެން ފަރުވާ ދިނުމުގެ ޤާބިލްކަން ހުންނާނެއެވެ.

މި ސަރުކާރުން އަންނަނީ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.