ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025 ގެ ތެރެއިން ބޭއްވުނު މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއަރމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން ގުޅިގެން މަސައްކަތްކުރާނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ތަޖުރިބާތަކާއި މައުލޫމާތު ބަދަލުކުރުމާއި، އެންމެ ފައިދާހުރި އުސޫލުތައް ހިއްސާކުރުމަށެވެ.
ހަމައެއާއެކު ދެ ފަރާތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ ކޮމިޝަނުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
މި ފަހުމުނާމާއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުގެ ކޮމިޝަންތަކުން ކުރާ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ