ބިދޭސީ މީހެއްގެ އަތުން ނެގި ފައިސާއިން ޝަމްއާން ވަނީ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދައްކާފަ: ޕީޖީ

ބިދޭސީ މީހެއްގެ އަތުން ނެގި ފައިސާއިން ޝަމްއާން ވަނީ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދައްކާފަ: ޕީޖީ

Author
ހުސައިން
26 މެއި 2025 08:49
0

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމަށް ތުހުމަތުކުރާ މައްސަލާގައި، ރެއިޑުގައި ބިދޭސީ މީހެއްގެ އަތުން ނެގި ފައިސާއިން ޝަމްއާންގެ ދެ ސްޓޫޑަންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅި ދައުވާގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފޭރުމުގައި ބައިވެރިވުމާއި، މަނީ ލޯންޑަރިންގެ ކުށެވެ. މީގެ އިތުރުން އިމިގްރޭޝަންގެ ހަތަރު އޮފިސަރެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި، ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުގައި ހުރި ޝަމްއާން، ރެއިޑް ޖެހުމުގެ ކަންތައްތައް ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމަކާ ނުލައި، މިދިޔަ މާޗު 11 ވަނަ ދުވަހުގެ ރޭ 11:30 ގައި އޭނާގެ ދަށުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފުންނަށް ރެއިޑެއް ޖެހުމަށް އިރުޝާދު ދީފައިވެއެވެ.

އެ މުވައްޒަފުން ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި، އިމިގްރޭޝަންގެ އުސޫލުތަކާ ޚިލާފަށް ފަރީދީމަގުގައިވާ މ. އޯރްމަންގޭގެ ތިރީ ބުރިއަށް ގޮސް، އިމިގްރޭޝަން ޗެކެއް ކަމަށް ބުނެ ގޭ ތެރެއަށް ވަދެ ބަލައި ފާސްކޮށްފައިވެއެވެ. އެ ތަނުގައި ގިނަ ފައިސާތަކަކާ އެކު ބިދޭސީން ތިބިކަން ޝަމްއާންއަށް އެންގުމުން، ރިސްކް ސެކްޝަންގެ މުވައްޒަފުން އެ ތަނަށް ފޮނުވާފައިވެއެވެ.

އިމިގްރޭޝަން މުވައްޒަފުން އެ ތަނުން 530،000 ރުފިޔާއާ އެކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މައިނުއްދީން ނަމަކަށް ކިޔާ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ޖެހިގެން އައި ދުވަހުގެ ރޭ އޭނާގެ ސްޕޮންސަރުގެ ނަމުގައިވާ ފޯޖްކޮށްފައިވާ ސިޓީއެއް އިމިގްރޭޝަނަށް ލިބުމުން، ޝަމްއާން އެ ބިދޭސީ މީހާ ދޫކޮށްލުމަށް އަންގާފައިވެއެވެ.

އެ ރޭ 2:08 ގައި މައިނުއްދީން ދޫކުރުމަށްފަހު، އޭނާގެ އަތުގައި ހުރި ފައިސާ ދިނުމަށް އެންގިއިރު، އޭނާ އިންކާރުކުރުމުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވެއެވެ. އެ ފައިސާ އަތުލައި، ދެ ދުވަސް ތެރޭގައި ރާއްޖެ ދޫކޮށް ނުދާނަމަ އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބިރުދައްކާފައިވެއެވެ.

މާޗު 13 ގެ ދަންވަރު 3 ޖެހިއިރު އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިއުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ޝަމްއާން ބަލައިގަތްކަމަށް ދައުވާގައި ބުނެފައިވެއެވެ. ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން މީނާގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަށް ފައިސާ ދައްކާފައިވެއެވެ. އެއް ލޯން އެކައުންޓަށް 149،491 ރުފިޔާ އާއި އަނެއް އެކައުންޓަށް 110،345 ރުފިޔާ ޖަމާކޮށްފައިވެއެވެ.

މި މައްސަލާގައި އިމިގްރޭޝަންގައި މަސައްކަތް ކުރި އިބްރާހީމް އަހުމަދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ފޭރުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ކުށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި އިބްރާހީމް އަހުމަދު، ބިދޭސީ މީހާ ދޫކޮށްލުމަށް ސްޕޮންސަރުގެ ނަމުގައި ފޯޖްކޮށްފައިވާ ސިޓީއެއް އިމިގްރޭޝަނަށް ފޮނުވާފައިވެއެވެ. އަދި އޭނާގެ ބޮޑުބޭބެ ކަމަށްވާ އިމިގްރޭޝަންގައި މަސައްކަތްކުރާ ހަސަން ސަހެޝާން މެދުވެރިކޮށް ބިދޭސީ މީހާއާ ހަވާލުވެ، 500،000 ރުފިޔާ އަތުލާފައިވެއެވެ. މީގެ އިތުރުން ރެއިޑުގައި އަބޫ ލަޔެސް ނަމަކަށް ކިޔާ އިތުރު ބިދޭސީއެއްގެ އަތުން 5000 ޑޮލަރު ނަގާފައިވެއެވެ.

ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން އެދިފައިވެއެވެ. އަދި ބާކީ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ހޯދިފައިވާ ފައިސާގެ ތެރެއިން އެ އަދަދު ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެއެވެ. މައިނުއްދީންގެ އަތުން ފޭރިގަތް 500،000 ރުފިޔާ އޭނާއަށް އަނބުރާ ދިނުމަށާއި، އިބްރާހީމް އަހުމަދަށް ލިބުނު 100،000 ރުފިޔާ އާއި އަބޫ ލަޔެސްގެ 5000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.