ޝަމްއާންސ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ތިން ދައުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.
ޕީޖީ އޮފީހުން ރޭ ވިދާޅުވީ ޝަމްއާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑްރިންގެ ދައުވާކަމަށެވެ. ފޭރުމުގެ ކުށް ސާބިތުވެއްޖެނަމަ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވެއްޖެނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގައި ބޭނުންކުރި ފައިސާގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ޖަލަށްލެވިދާނެއެވެ.
މި މައްސަލައިގައި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފުންގެ މައްޗަށް ވެސް ދައުވާ އުފުލައިފައިވެއެވެ. އިބްރާހިމް އަހުމަދު (ގ. ހެޕީ ސައިޑް) ގެ މައްޗަށް ފޭރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކޮށްފައިވެއެވެ. މުހައްމަދު އަލްސަން އިސްމާއިލް (މޫނިމާގެ/ ތ. ބުރުނި) ގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލައިފައިވެއެވެ. ހަސަން ސެހެޝާން (ގ. ހެޕީ ސައިޑް) ގެ މައްޗަށް ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކޮށްފައިވެއެވެ. އަހުމަދު ލައްސާން (މ. ހަޒާރީވިލާ) ގެ މައްޗަށް ފޭރުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލައިފައިވެއެވެ.
އިމިގްރޭޝަންގެ މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް 21ވަނަ ދުވަހުގެ ރޭގައެވެ. ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، ހައިކޯޓުގައި އިސްތިއުނާފުކުރިނަމަވެސް ނާކާމިޔާބުވިއެވެ.
ޝަމްއާންގެ ޢާއިލާއިން ބުނެފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރުމަށް ބިރުގަނެގެން އޭނާ ހައްޔަރުކުރީކަމަށެވެ. އަދި އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާންގެ އަތުގައި ހުރިކަން އެނގުމުން އޭނާ ބަންދުކުރަން މަސައްކަތްކުރީކަމަށް ވެސް ޢާއިލާއިން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން ވީޑިއޯއެއްކަން ހާމަކޮށްފައެއް ނުވެއެވެ. ޢާއިލާއިން ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން ހިންގުމުގައި އިހުސާން ކޮރަޕްޝަނުގެ އަމަލުތައް ހިންގައިފައިވާކަމަށް ވެސް ތުހުމަތުކުރެއެވެ.
ފުލުހުން ބުނެފައިވަނީ ޝަމްއާން މި މައްސަލައިގައި ފްރޭމްކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ