ރައީސް އޮފީހުން ބާއްވާ ރަސްމިއްޔާތުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާ އެއްގޮތަށް ހެދުން އަޅާފައި ހުންނަ ކޮންމެ ނޫސްވެރިއަކަށްވެސް އެ ތަންތަނުގައި ބައިވެރިވުމުގެ ފުރުސަތު ތަފާތުކުރުމެއް ނެތި ދެމުންދާނެކަމަށް އެ އޮފީހުން ބުނެފިއެވެ.
މިއަދު ގޭންގު ކުށްތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޑްރެސްކޯޑާ ހިލާފަށް ހާޒިރުވި ނޫސްވެރިޔަކު ބައިވެރިނުކުރެވުނު ކަމަށް ބުނެ މީސްމީޑިޔާގައި ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޮނުވާ ދަޢުވަތުގައި އެ ބައްދަލުވުމަށް ހާޒިރުވާންޖެހޭ ޑްރެސްކޯޑް ހިމަނާފައި ހުންނާނެ ކަމަށެވެ. އަދި ބައްދަލުވުންތަކަށް ނަން ނޯޓުކުރާ ނޫސްތަކަށް މި ކަން ހަނދާން ކޮށްދެމުން ގެންދާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޑްރެސްކޯޑާ ޚިލާފަށް ހެދުން އަޅައިގެން އަންނަ ނޫސްވެރިންނަށް، ވަގުތު ހުރިނަމަ، ޑްރެސްކޯޑާ އެއްގޮތަށް ހެދުން ބަދަލުކޮށްގެން އައުމަށް ފުރުސަތު ދެމުންދާ ކަމަށްވެސް ހީނާ ވަނީ ފާހަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެ ނުކުމެވުމުގައި މިހާރު ޢަމަލުކުރަމުންދާ ޑްރެސްކޯޑުގެ އުސޫލު އެކުލަވާލާފައިވަނީ 2017 ވަނަ އަހަރުގައި ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާނު ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ