ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިމަހުގެ 26 ގައި ބާއްވާ މި ބައްދަލުވުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާ ވަޒީރު ޑރ. ޚަލީލް ބައްދަލުކުރައްވާނެ ކަމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ދައުލަތީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގެ ނަމުގައި މުހިންމު ތަސައްވަރެއް އެކުލަވާލައްވާފައިވެއެވެ. މި ފަހުގެ ބައްދަލުވުމުގައި މި ތަސައްވަރުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތައް ކުރެވޭނެއެވެ.
އިޤްތިޞާދީ ގުޅުންތައް، ސިއްހީ ދާއިރާގެ އެއްބާރުލުން، ޑިޖިޓަލް ފައިނޭންސިންގް، އަދި ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާތަކަކީ މި މަޝްވަރާތަކުގައި އިސްކަމެއް ދެވޭނެ ދާއިރާތަކެވެ. ހައިލެވަލް ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު މާލޭގައި ކަން ފާހަގަކުރެވެއެވެ.
ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި މި ދަތުރުފުޅުގައި ސަރުކާރުގެ މުހިންމު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މަންދޫބުން ހިމެނެއެވެ. މިއީ ދެ ޤައުމުގެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ އިސްކަން ދައްކުވައިދޭ ކަމެކެވެ.
ކޮމެންޓު ފޮނުވާ