ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.
ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތަކުން މި މައުރަޒު ފެށިފައިވަނީ ކުލަގަދަ ހަރަކާތްތަކެއްގެ ތެރެއިންނެވެ. މޯލްޑިވްސް އެކްސްޕޯ 2025 ގެ ނަމުގައިވެސް ފަހިވާ މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
މި މައުރަޒުގައި ހަތަރު ޚާއްޞަ ޑިސްޓްރިކްޓެއް ޤާއިމުކޮށްފައިވެއެވެ. އެއީ ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހުރިހާ ޑިސްޓްރިކްޓަކަށް ވަޑައިގެން އެތަންތަނުގެ ކަންކަން ބައްލަވާލައްވާފައެވެ.
ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓުގައި ދިވެހި އާޓިސްޓުންގެ ހުނަރުވެރިކަން ފެނިގެންދާއިރު، ކުރެހުންތެރިންނާއި މިއުޒީޝަނުންގެ ފަންނުވެރިކަމާއި ދިވެހި ސަޤާފަތާއި އާދަކާދަތައް ދައްކުވައިދެއެވެ. ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓުގައި ދިވެހި ޑިވެލޮޕަރުންގެ އީޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖިކަލް ހައްލުތައް ހުށަހަޅާފައިވެއެވެ.
އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓުގައި ދިވެހިން މުނިފޫހިފިލުވުމަށް ކުރަމުންދާ ކަންކަމާއި ޒަމާނާ ގުޅޭގޮތަށް އެ ދާއިރާއަށް އައި ބަދަލުތައް ފެނިގެންދާނެއެވެ. މާރކެޓް ޕްލޭސް ޑިސްޓްރިކްޓަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެއްކަމަށާއި، ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ތައާރަފުކުރުމަށް ބީޓުބީ މާހައުލެއް ޤާއިމުކޮށްފައިވާކަމަށް ބުނެވެއެވެ.
ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެންމެ ގިނަ ބައިވެރިވުން ލިބިފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއަށެވެ. މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތައް ފެނިގެންދާނެއެވެ.
މި މައުރަޒު ކުރިއަށްދަނީ މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ. ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ