2026 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ރޭ ކުރެއްވި ޒިޔާރަތުގައި ދައުލަތުގެ މީޑިއާއަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އެންގެވި ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފިޔަވަޅު އެޅުމުން 2030 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިގްތިސާދުގެ 15 ޕަސެންޓް ކްރިއޭޓިވް އިންޑަސްޓްރީއަށް ބަދަލުކުރުމަށް ކުރެއްވި ވައުދު ފުއްދުމަށް މަގުފަހިވާނެއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި މި މަޤްސަދު ހާސިލުކުރުމަށް ބޭނުންވާ ފައިސާ ހިމެނުމަށް ވެސް ރޭވިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަމިއްލަ މުއްސަނދިކަމާއި ގައުމަށް މުއްސަނދިކަން ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކުގައޭ ކުރިއަށްދާނީ،" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށްދާ މަޢުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. މަޢުރަޒުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ދައްކާފައިވާކަން ފާހަގަކުރައްވަމުން، މިއީ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޢުރަޒުގައި ބައިވެރިވި ފަރާތްތަކާއެކު ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމްކޮށްފައިވާ މި މަޢުރަޒަކީ ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ގިނަ ރަށްރަށުން ބައިވެރިވެފައިވާއިރު، އެންމެ ގިނައިން ބައިވެރިވެފައިވަނީ މާލެއިންނާއި ބ. ތުޅާދޫއިންނެވެ. ޖުމްލަ 3600 އަށްވުރެ ގިނަ އައިޓަމް ބައިވެރިކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ