ރާއްޖޭގެ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒު ކަމަށްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025″ މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށިއްޖެއެވެ.
މި މައުރަޒުގެ ރަސްމީ ފެށުން ހަފްލާ ބޭއްވި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވިއެވެ. ރައީސް އަދި ފަސްޓް ލޭޑީ ސަޖިދާ މުހައްމަދު ވަނީ މައުރަޒުގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރާތްކުރައްވައި، ދިވެހިންގެ އުފެއްދުންތެރިކަމުގެ ނަމޫނާތައް ބައްލަވާލައްވާފައެވެ.
މި އަހަރުގެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3600 އަށްވުރެ ގިނަ އުފެއްދުންތައް ބައިވެރިކުރުމަށް ރަޖިސްޓަރީ ކޮށްފައިވާކަމަށް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުރިހާ އަތޮޅުތަކަކުން ވެސް މި މައުރަޒުގައި ބައިވެރިވެފައިވާއިރު، އެންމެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވަނީ މާލެ އާއި ބ. ތުޅާދޫ އިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މައުރަޒަކީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި މައުރަޒުގެ މަޤްޞަދަކީ ދިވެހި ރައްޔިތުންގެ އުފެއްދުންތެރިކަން ފާހަގަކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމާއި، ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުމެވެ.
ކޮމެންޓު ފޮނުވާ