އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސިޓީތަކުގެ ބައިން އެއްވަނަ އައްޑޫ ސިޓީއަށް

އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސިޓީތަކުގެ ބައިން އެއްވަނަ އައްޑޫ ސިޓީއަށް

Author
ހުސައިން
23 މެއި 2025 08:35
0

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އެއް ވަނަ އައްޑޫ ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ބޭއްވުނުއިރު، އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ވަނީ މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން ފުރަތަމަ ވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި މުޅި މަޢުރަޒުން އެންމެ މަތީ މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ދެއްވާފައިވެއެވެ.

މުޅި މަޢުރަޒުން އެންމެ މަތީ މާކްސް ހޯދި ފަސް ފަރާތަކީ ލުޖައިން ޢަލީ ވަޙީދު (ހ. ހުޅުދުއްފާރު އާގެ، މާލެ)، އަބުޑީ މޯލްޑިވްސް، މޯލްޑިވްސް ޕޮލިޓެކްނިކް، މުޙައްމަދު މޫސާ (ގަރާޑީގެ، ރ. އިނގުރައިދޫ) އަދި ޢަލީ މާހިރު އެވެ.

ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާގައި އެއްވަނަ ހޯދައިފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާގައި ގދ. ވިލިނގިލި ކައުންސިލްގެ އިދާރާއިން ކާމިޔާބު ހޯދިއެވެ. އަމިއްލަ ފަރުދުންގެ ބައިން އެއްވަނަ ކާމިޔާބުކުރީ ލުޖައިން ޢަލީ ވަޙީދު އެވެ.

ވިޔަފާރިތަކުގެ ދާއިރާގައި ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑުން އެއްވަނަ ހޯދިއިރު، ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާގައި މޯލްޑިވްސް ޕޮލިޓެކްނިކުން ކާމިޔާބު ހާސިލުކުރިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގައި ފާތުމަތު ޝަފަޤަށް އެއްވަނަ ލިބުނުއިރު، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާގައި ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސްއިން ކާމިޔާބު ހޯދިއެވެ. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާގައި އެއްވަނަ ލިބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 275 ވަނައެއް ހޮވައި އިނާމު ދިނުމަށްފަހު ޖަލްސާ ނިންމާލެވުނެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި 383 ފަރާތަކުން ބައިވެރިވިއިރު، އެއީ 14 ކެޓެގަރީއަކާއި 82 ސަބް ގިންތިއަކުންނެވެ. އެންމެ ގިނަ ފަރާތްތަކެއް ބައިވެރިވީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވިއެވެ. އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫއިންނެވެ. މަޢުރަޒުގައި ބައިވެރިވުމަށް 3600އަށްވުރެ ގިނަ ތަކެތި ހުށަހެޅުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވާކަން އޮފިޝަލުން ހާމަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.