މޯލްޑިވްސް އެކްސްޕޯ 2025: ދިވެހި ފަންނުވެރިންގެ އެންމެ ބޮޑު އެއްވުން މިއަދު ފެށޭނެ

މޯލްޑިވްސް އެކްސްޕޯ 2025: ދިވެހި ފަންނުވެރިންގެ އެންމެ ބޮޑު އެއްވުން މިއަދު ފެށޭނެ

Author
ހުސައިން
23 މެއި 2025 08:28
0

ހުޅުމާލޭ ސެންޓްރަލް ޕާކުގެ އެކި ހިސާބުތަކުގައި ބޮޑެތި ޓެންޓުތަކާއި، ކުދި ސްޓޯލްތަކާއި، ކުލަގަދަ ލައިޓިންގ ސިސްޓަމްތައް ގާއިމުކުރެވި، މުޅި ސަރަހައްދު މިއަދު ދިވެހި ފަންނުވެރިންގެ އެންމެ ބޮޑު އެއްވުން މިއަދު ފެށޭނެއެވެ.

މިއަދު ހަވީރު ރަސްމީކޮށް ފެށޭ މޯލްޑިވްސް އެކްސްޕޯ 2025 އަށް ކުރެވޭ ފަހު ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. 6 އަހަރަށް ފަހު ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒަކީ ދިވެހި ފަންނުވެރިންނަށް ލިބޭ އުފާވެރި ފުރުސަތަކަށް ވެގެންދާނެކަމަށް ފަންނުވެރިން ދަނީ ބުނަމުންނެވެ.

300 އަށްވުރެ ގިނަ ފަންނުވެރިން ބައިވެރިވޭ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މި މައުރަޒުގައި 300 އަށްވުރެ ގިނަ ދިވެހި ފަންނުވެރިން ބައިވެރިވާއިރު، 4000 އާ ގާތްކުރާ އަދަދަކަށް އުފެއްދުންތައް މައުރަޒުކުރެވޭނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

ބީސީސީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސްޕޯ ރާވާފައިވަނީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތަށެވެ. އަދި މުޅި އެކްސްޕޯ ހިންގާނީ ކޭޝްލެސް ނިޒާމެއްގެ ދަށުން ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

ތިން ޚާއްސަ ޑިސްޓްރިކްޓް

އެކްސްޕޯގައި މައިގަނޑު ތިން ސަރަހައްދެއް ހިމެނެއެވެ:

ޑިޖިޓަލް އެންޑް އިނޮވޭޝަން ޑިސްޓްރިކްޓް – ޓެކްނޮލޮޖީއާ ގުޅޭ އުފެއްދުންތައް

ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް – ފަންނީ މަސައްކަތްތައް ދައްކާލެވޭ ސަރަހައްދު

އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް – މުނިފޫހިފިލުވުމުގެ ޚާއްސަ ހަރަކާތްތައް

މީގެ އިތުރުން، ވިޔަފާރިވެރިންނަށް އުފެއްދުންތައް ސީދާ ވިއްކޭނެ މާކެޓް ޕްލޭސްއެއް ވެސް ގާއިމުކުރެވިފައިވެއެވެ.

އާއިލާތަކަށް ޚާއްސަ ޕްރޮގްރާމްތައް

އެކްސްޕޯގައި އާއިލާތަކާއެކު ޒިޔާރަތްކޮށް ވަގުތު ހޭދަކުރެވޭނެ އެތައް ފުރުސަތުތަކެއް ހުންނާނެއެވެ. އެންޓަޓެއިންމަންޓް ޑިސްޓްރިކްޓުގައި މަޝްހޫރު ބޭންޑުތަކުގެ ޕަރފޯމަންސްތަކާއި، ޚާއްސަ ބޮޑުބެރު ޗެލެންޖެއް ވެސް ފޯރިއާއެކު ބޭއްވޭނެއެވެ.

މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދުނިޔެއަށް ދައްކާލެވޭ، އަދި ކްރިއޭޓިވް އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.