މާލެ – މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދުކުރެވިފައިވާ ރައުދު އަހުމަދު ޒިލާލްގެ ބަންދު މުއްދަތުގެ މައްސަލާގެ އިސްތިއުނާފު މިއަދު މެންދުރުފަހު ހައިކޯޓުގައި ބަލަން ތާވަލް ކޮށްފިއެވެ.
މިއަދު މެންދުރުފަހު 1:15 ގައި ފަށާ އިސްތިއުނާފު ޝަރީއަތް ބަލާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭނީ މުހައްމަދު ފައިސަލް، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީއެވެ. މިހާރު އުމުރުން 22 އަހަރުގެ ރައުދުގެ ބަންދުގެ މުއްދަތު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، ފުރަތަމަ ދެ ފަހަރު 15 ދުވަހުގެ މަތިން އަދި އޭގެ ފަހުން ފަސް ދުވަސް އަދި އެންމެ ފަހުން 20 ދުވަހުގެ މަތިން ބަންދުގެ މުއްދަތު ކޯޓުން ޖަހާފައިވެއެވެ.
ހައިކޯޓުގައި އެއްކުރެވިފައިވާ އިސްތިއުނާފު މައްސަލާގައި އެދިފައިވަނީ އެންމެފަހުން ނެރުނު 5 ދުވަހުގެ ބަންދުގެ އަމުރަށް ބަދަލު ގެނައުމަށެވެ. އިސްތިއުނާފުގައި މައިގަނޑު ދަލީލެއްކަމަށް ހުށަހަޅާފައިވަނީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށެވެ.
އެންމެފަހުން ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން ކޯޓަށް އެދުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ރައުދުގެ ދިފާއީ ވަކީލުން އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމުގެ ހެކި ދެއްކުމުން، ފުލުހުން އެ މާއްދާ ބަދަލުކޮށްދިނުމަށް އެދުނެވެ.
ކޮމެންޓު ފޮނުވާ