ޖަލުގައި ތިބޭ ފަރާތްތަކަށް ޤުރުއާން އުނގަންނައިދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޖަލުގައި ތިބޭ ފަރާތްތަކަށް ޤުރުއާން އުނގަންނައިދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
21 މެއި 2025 09:43
0

މާލެ (22 މެއި 2025) – މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާ ދެމެދު، ޖަލުތަކުގައި ތިބޭ ޤައިދީންނަށް ޤުރުއާން އުނގަންނައިދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ސަލްމާން މިސްކިތުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްސީއެސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު، އަދި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސައުދާން ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް މި ފަހުމުނާމާގައި ސޮއިކުރައްވާފައެވެ.

ޖަލުތަކުގައި ތިބޭ އެންމެހާ ފަރާތްތަކަށް ކީރިތި ޤުރުއާން އުނގަންނައިދިނުމަށް މަރުކަޒުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ސްޓޭޓް މިނިސްޓަރ ސައުދާން ވިދާޅުވިއެވެ. މަރުކަޒުން ހިންގާ ކޯސްތަކާއި، ހިފްޒު ކްލާސްތަކާއި އެކި ޕްރޮގްރާމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ޖަލުތަކުގައި ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރ ޒަރީރުގެ ވާހަކަފުޅުގައި، ޖަލުތަކުގައި ތިބޭ ގިނަ ޒުވާނުންގެ ތެރެއިން ބައެއް ފަރާތްތަކަށް ރަނގަޅަށް ކީރިތި ޤުރުއާން ކިޔަވަން ނޭނގޭކަން ފާހަގަކުރެއްވިއެވެ. "މި ޕްރޮގްރާމްގެ ސަބަބުން އެފަދަ ފަރާތްތަކަށް ކީރިތި ޤުރުއާން އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ" ކަމަށާއި، އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަށްވެސް މި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުން ކަމަށް އެމްސީއެސްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.