މާލެ، މެއި 22، 2025 – މާފަންނު ސަހަރާގެ ބިން ހުސްކުރުމަށްފަހު އެ ތަނުގައި ތަރައްޤީކުރާ ޕާކަށް "މާފަންނު މައިޒާން" ގެ ނަން މާލޭ ސިޓީ ކައުންސިލުން މިއަދު ދީފިއެވެ. މިއަދު ބޭއްވުނު ކައުންސިލްގެ އާންމު ޖަލްސާގައި މި ނަން މިއަދުވަނީ ފާސްކޮށްފައެވެ.
މާފަންނު މައިޒާން ނިމިގެންދާއިރު، 36،153 އަކަފޫޓުގެ މި ސަރަހައްދުގައި ޕާކިންގ ޖާގައިގެ އިތުރުން ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެކަން ކައުންސިލުން ހާމަކޮށްފައިވެއެވެ. ހުޅަނގު ދެކުނު ކަންމަތީގައި މިހާރު ހުރި ޕާކިންގ ޒޯނުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ޤާއިމްކުރެވޭނެއެވެ.
މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބަސް ސްޓޮޕަކާއި 295 ސައިކަލު ޕާކްކުރެވޭނެ ޖާގަވެސް މި ސަރަހައްދުގައި ހިމެނޭނެއެވެ. އަދި ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމަށް ޚާއްޞަކުރެވޭ ގްރީން އޭރިއާއެއްގެ އިތުރުން ކަސްރަތުކުރުމަށް 496 އަކަފޫޓުގެ ސަރަހައްދެއްވެސް ތަރައްޤީކުރެވޭނެއެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، މި މައިޒާނުގައި ގަސް އިންދައި ފެހިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެއެވެ. މި ޕާކުގައި އިންދާނީ ބޮޑަށް ހިޔާދޭ ގަސްތަކާއި، ބަގީޗާ ގަސްތަކާއި، މާ ގަސްތަކާއި، މޭވާއާއި ތަރުކާރީ ގަސްތަކެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވީ، "މި މަޝްރޫޢުގެ ސަބަބުން މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަން ޔަޤީންކުރަން" ކަމަށެވެ. އަދި މައިޒާންގައި ގަސް އިންދުމުގެ ހަރަކާތް ކުރިޔަށް ގެންދާނީ މާފަންނު އަހުލުވެރިންގެ ބައިވެރިވުމާއެކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާފަންނު މައިޒާން 24 ގަޑިއިރު ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވޭނެ އަދި އެ ސަރަހައްދުގައި ފެން ހިންދުމުގެ ރަނގަޅު ނިޒާމެއްވެސް ޤާއިމްކުރެވޭނެކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ