ރާއްޖޭގެ އެންމެ ޝަރަފުވެރި އިނާމުތަކުގެ ތެރެއިން އެއް އިނާމު ކަމުގައިވާ "ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު" އަށް މިއަހަރު ރެކޯޑް އަދަދެއްގެ ބައިވެރިން ކުރިމަތިލާފައިވާކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހާމަކޮށްފިއެވެ.
ކޮމިޓީގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ، 141 ފަރާތަކުން މިއިނާމަށް ނަން ހުށަހަޅާފައިވާއިރު، މާރިޗް 18 ގައި ނަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. މިހާރު ކޮމިޓީން ވަނީ ހުރިހާ ލިޔެކިއުންތައް ބަލައި، އިންޓަވިއުއަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ހޮވައި، އިންޓަވިއުތައް ފަށާފައެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، އިޚްލާޞްތެރިކަމާއި ޤާބިލުކަމާއެކު އެމީހުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށް، އެމުއައްސަސާއަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
މި އިނާމުގެ ގޮތުގައި އައްޑަނައެއް، ޝަރަފުގެ ބެޖެއް އަދި ހަނދާނީ ލިޔުމެއް ދެއްވެއެވެ. މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
ފާއިތުވި އަހަރު މި އިނާމު 53 ފަރާތަކަށް ދެވުނެވެ. އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. އެކޮމިޓީން ބުނާގޮތުގައި މިއަހަރު މިއިނާމަށް ނަން ހުށަހެޅި ފަރާތްތަކުގެ އަދަދު ވަނީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ