މާލެ ސަރަހައްދުގައި ތަފާސްހިސާބު ބިއުރޯއިން މުހިންމު ދިރާސާއެއް ފަށައިފި

މާލެ ސަރަހައްދުގައި ތަފާސްހިސާބު ބިއުރޯއިން މުހިންމު ދިރާސާއެއް ފަށައިފި

Author
ހުސައިން
19 މެއި 2025 01:44
0

މާލެ ސަރަހައްދުގައި އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީގެ މަޢުލޫމާތު އެއްކުރުމަށްޓަކައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޚާއްޞަ ލޭބާ ފޯސް ސާވޭއެއް ފަށައިފިއެވެ.

މިމަހުގެ 18 އިން 24 އަށް ކުރިއަށްދާ މި ސާވޭގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތު ދިރާސާކުރެވޭނެއެވެ. ތަފާސްހިސާބު ބިއުރޯއިން މަޢުލޫމާތު ދެއްވާގޮތުގައި މި ސާވޭގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ އިޤްތިޞާދަށް ޙިއްޞާކުރާ އާބާދީގެ މިންވަރު ހޯދުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުވަމުންދާ ނިސްބަތް ދެނެގަތުމެވެ.

މީގެއިތުރުން، މި ސާވޭއިން ވަޒީފާގައި އުޅޭ އަދި ވަޒީފާއެއް ނެތް ފަރާތްތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ހިޖުރަކުރާ މީހުންގެ ނިސްބަތް ބެލުމާއި، އާބާދީގެ ކުރިމަގުގެ އަންދާޒާތައް އަޕްޑޭޓްކުރުމަށް މުހިންމު މަޢުލޫމާތު ލިބޭނެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތައް ވަޒަންކުރުމުގައިވެސް މި ސާވޭގެ ނަތީޖާ ބޭނުންކުރެވޭނެއެވެ.

މި ސާވޭގައި މަޢުލޫމާތު އެއްކުރެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ތަޢުލީމީ ފެންވަރު
  • ހިޖުރަކުރުމާގުޅޭ މަޢުލޫމާތު
  • ވަޒީފާއާއި އާމްދަނީ ހޯދުމުގައި ޙަރަކާތްތެރިވާ އާބާދީގެ ތަފްޞީލު
  • އާންމު ޑިމޮގްރަފިކް މަޢުލޫމާތު
  • ވަޒީފާ ހޯދަމުންދާ އަދި ވަޒީފާއެއް ނެތް އާބާދީގެ ޙާލަތު
  • ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު
  • ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ތަފްޞީލު

ތަފާސްހިސާބު ބިއުރޯއިން އާންމުންނަށް ޔަޤީންކޮށްދެއްވާފައިވަނީ މި ސާވޭގައި އެއްކުރެވޭ އެންމެހާ މަޢުލޫމާތަކީ ސިއްރު ހިފެހެއްޓޭނެ ތަކެތިކަމަށެވެ. އެއްވެސް ފަރުދެއްގެ ނުވަތަ ގޭބިސީއެއްގެ ވަކި މަޢުލޫމާތު ވަކިން ހާމަނުކުރެވޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.