ސަރުކާރުގެ ސަބްސިޑީ ޚަރަދު 21% އަށް ދަށަށް!

ސަރުކާރުގެ ސަބްސިޑީ ޚަރަދު 21% އަށް ދަށަށް!

Author
ހުސެއިން
18 މެއި 2025 03:49
0

ސަރުކާރުން ސަބްސިޑީއަށް ކުރަމުންދާ ޚަރަދު މިއަހަރު ބޮޑުތަން ދަށްވެއްޖެކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މާލީ ހާލަތާބެހޭ އެންމެފަހުގެ ތަފާސްހިސާބުތައް ހާމަކުރަމުން، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ސަބްސިޑީގެ ގޮތުގައި ޚަރަދުކުރެވިފައިވަނީ 1 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 21.2 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފަތުރުވެރިކަމުގެ ސިނާޢަތުން ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވޭކަމަަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ޓޫރިޒަމް ދާއިރާގެ ކުރިއެރުމާއެކު، ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ 14.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވި، ބަޖެޓުގެ އޯވަރޯލް ސަރޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުގައި 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑްކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

2025 ވަނަ އަހަރަށް ފާސްކުރެވުނު ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ މިހާތަނަށް ލިބިފައިވާކަމަށް ފިނޭންސުން ހާމަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީގެ 78 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ 11.1 ބިލިއަން ރުފިޔާއެވެ. މީގެތެރެއިން 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މެއި 8 ގެ ނިޔަލަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޚަރަދުގެ 25 އިންސައްތަ ހޭދަކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތުގެ ބަޖެޓުން މިހާތަނަށް ކުރެވިފައިވާ ޚަރަދުގެ 91.7 އިންސައްތައަކީ ރިކަރަންޓް ޚަރަދެވެ. މުވައްޒަފުންނަށް ހިނގާ ޚަރަދު 7.9 އިންސައްތަ އިތުރުވެފައިވީނަމަވެސް، ޖުމްލަ ރިކަރަންޓް ޚަރަދާއި ސަބްސިޑީއަށް ކުރެވުނު ޚަރަދު 21.2 އިންސައްތަ ދަށްވެފައިވެއެވެ.

ކެޕިޓަލް ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރު ކުރެވޭ މަސައްކަތްތަކާއެކު، ޖުމްލަ ކެޕިޓަލް ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 73.2 އިންސައްތަ ދަށްކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ހިނގާފައިވާ ފޮރިން ޑިސްބަރސްމަންޓްތައް އިތުރުވެފައިވާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުން ކުރިން ވަނީ ރާއްޖޭގައި ސަބްސިޑީ ދިނުމުގެ އުސޫލުތައް މުރާޖަޢާކޮށް، ސަބްސިޑީއަށް ކުރާ ޚަރަދު ދަށްކުރުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.