ސައުދީ ވަފުދުން ރާއްޖޭގައި މައްކާ ރޫޓް ތަންފީޒުކުރުމަށް މަޝްވަރާކޮށްފި

ސައުދީ ވަފުދުން ރާއްޖޭގައި މައްކާ ރޫޓް ތަންފީޒުކުރުމަށް މަޝްވަރާކޮށްފި

Author
ހުސައިން
17 މެއި 2025 09:03
0

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ސައުދީ އަރަބިއްޔާއިން ވަޑައިގެންނެވި ޚާއްޞަ ވަފުދުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އަދި އިމިގްރޭޝަން ކޮންޓްރޯލަރ ރިޓަޔަރޑް މުޙައްމަދު ފަޞީޙް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިއަހަރު ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އާއި ސައުދީ އެއަރލައިންގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޚާއްޞަ ޕްރެޒެންޓޭޝަނެއް ދެއްވި އިރު، ޙައްޖު ކޯޕަރޭޝަނުން ޙައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ.

ރާއްޖޭގައި މައްކާ ރޫޓް އިނީޝިއޭޓިވް ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރާ ދުވަހަށްވާ މިމަހުގެ 26 ވަނަ ދުވަހުއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަދި ކިރީތި ޕިރިންސް މުޙައްމަދު ބިން ސަލްމާންގެ ޚާއްޞަ އަޅާލުމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޚާއްޞަ ޕްރޮގްރާމުގެ ދަށުން ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދީ، އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.