ރާއްޖޭގެ އިމްޕޯޓް ޚަރަދު އެކްސްޕޯޓަށްވުރެ 16 ގުނައަށް އިތުރު ވެއްޖެ

ރާއްޖޭގެ އިމްޕޯޓް ޚަރަދު އެކްސްޕޯޓަށްވުރެ 16 ގުނައަށް އިތުރު ވެއްޖެ

Author
ހުސައިން
17 މެއި 2025 08:50
0

ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރިލް މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރެވުނު އިރު، އެކްސްޕޯޓުން ލިބިފައިވަނީ އެންމެ 292 މިލިއަން ރުފިޔާއެވެ.

މިއީ މާރިޗް މަހާ އަޅާބަލާއިރު އެކްސްޕޯޓުން ލިބުނު އާމްދަނީގައި 43 ޕަސެންޓުގެ ކުރިއެރުމެއް ކަމުގައިވީ ނަމަވެސް، އިމްޕޯޓާއި އެކްސްޕޯޓާ ދެމެދު ހުރި ފަރަގު އަދިވެސް ވަރަށް ބޮޑެވެ. މާރިޗް މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވިފައިވަނީ 204 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން ތެލުގެ ބާވަތްތައް އުނިކުރުމަށްފަހުވެސް، 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރެވިފައިވެއެވެ. މިއީ މާރިޗް މަހާ އަޅާބަލާއިރު 6.8 ޕަސެންޓުގެ އިތުރުވުމެކެވެ.

ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި އޭޕްރިލް މަހު 379 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މާރިޗް މަހު ލިބުނު 350 މިލިއަން ރުފިޔާއަށްވުރެ 8.3 ޕަސެންޓު އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރެވެނީ އެކުވެރި އަރަބި އިމާރާތުންނެވެ. އޭޕްރިލް މަހު އެކަނި 1.3 ބިލިއަން ރުފިޔާގެ މުދާ މި ގައުމުން އެތެރެކުރެވިފައިވެއެވެ. މިއީ މުޅި އިމްޕޯޓުގެ 28 ޕަސެންޓެވެ. ދެވަނައަށް އިންޑިއާއިން 735 މިލިއަން ރުފިޔާގެ މުދާ (16 ޕަސެންޓު) އެތެރެކުރެވިފައިވާއިރު، ތިންވަނައަށް އަންނަނީ ޗައިނާއެވެ. މި ގައުމުން 472 މިލިއަން ރުފިޔާގެ މުދާ (10 ޕަސެންޓު) އެތެރެކުރެވިފައިވެއެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކާބޯތަކެއްޗާއި، ދުންފަތުގެ ބާވަތްތަކާއި، ތެލާއި ގޭހުގެ ބާވަތްތަކާއި، މެޝިނަރީއާއި އިލެކްޓްރޯނިކް ތަކެއްޗެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު، ޑޮލަރުގެ ދަތިކަމާއި ދަރަނި އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުން ވަނީ އިމްޕޯޓް މަދުކުރުމަށް އަމާޒުކޮށް އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.